ތަރުކާރީއާއި މޭވާ ވިއްކާ ކުދި މާރުކޭޓްތައް ރަޖިސްޓްރީކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ތަރުކާރީއާއި މޭވާ ވިއްކާ ވިޔަފާރިތައް ރަޖިސްޓްރީކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލާފައިވަނީ ދާދިފަހުން އެކުލަވައިލި ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމުގެ ގަވާއިދުގެ ދަށުންނެވެ.

ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމުގެ ގަވާއިދަށް މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވެ އެވެ. އަދި އެ ގަވާއިދަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެ ތަންތަން ރަޖިސްޓްރީކުރަން ހުށަހަޅަންޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ވިޔަފާރި ރަޖިސްޓްރީކުރެވޭނީ އޮންލައިންކޮށް، އިކޮނޮމިކް މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ރަޖިސްޓްރީކޮށްފައިވާ ތަންތަނުގައި ޝަރުޠުތައް ފުރިހަމަވޭތޯ ބެލުމަށް އިންސްޕެކްޓް ކުރާނީ ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުންނެވެ. ރަށެއްގައި ނަމަ، ރަށު ކައުންސިލުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އެހެން އިދާރާއަކުންނެވެ.

ފަހަކަށް އައިސް މާލެ ތެރޭގައި ރަޖިސްޓްރީ ނުކޮށް ކުދި މާރުކޭޓުތައް އެކި ސަރަހައްދުގައި އަންނަނީ ހިންގަމުންނެވެ.