ކޯލިޝަން ސަރުކާރުގެ މައި ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އޮފީހުގައި މާރާމާރިއެއް ހިންގައިފި އެވެ.

ފުލުހުން ބުނެފައި ވަނީ ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ އޮފީސް ތެރޭގައި މާރާމާރިއެއް ހިންގިކަމުގެ މައުލޫމާތު މިއަދު 12:30 ހާއިރު ލިބިފައިވާ ކަމަށެވެ.

މި މައްސަލައިގައި 50 އަހަރުގެ އަންހެނަކަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ފުލުހުން ބުނެފައި ވަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މާރާމާރީގައި އަނިޔާވެފައި ވަނީ އެމްޑީޕީ އިދާރީ މުވައްޒަފެއްގެ ގޮތުން މަސައްކަތް ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ) އަށެވެ. މަންދީގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެމްޑީޕީ އޮފީހުގައި ހިނގި މާރާމާރީ އާއި ގުޅިގެން އެޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީ އޮފީހުގައި މާރާމާރީ ހިންގުން ބަލައި ނުގަނެވޭނެ ކަމަށެވެ.

"އެކަން ކުރި މީހުން ހައްޔަރުކޮށް، އަނިޔާއާއި ގެއްލުންވި ފަރާތްތަކަށް އިންސާފު ލިބެން ޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މިއަދު ހިނގި މާރާމާރީގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.