ކާބުލް (01 ސެޕްޓެމްބަރު)- އެމެރިކާގެ ސިފައިން އަފްޣާނިސްތާުނުން ފޭބިއިރު ދޫކޮށްފައި ދިޔަ އެއްގަމު އަދި ވައިގެ އަސްކަރީ ގިނަ އުޅަނދުތައް މަސައްކަތް ނުކުރާތީ ތާލިބާނުން ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.

އެމެރިކާ ސިފައިން ވަނީ އަފްޣާނިސްތާނުން ފޭބުމުގެ ކުރިން 48 ވައިގެ އުޅަނދެއް އަފްޣާނިސްތާނުގައި ބަހައްޓާފަ އެވެ. އެއިގެ ތެރެއިން މަސައްކަތްކުރަނީ ކިތައް އުޅަނދުކަން ޔަގީން ނުވާއިރު، އެމެރިކާއިން ވަނީ ގިނަ އުޅަނދުތަކެއް ނައްތާ ވެސް ލައިފަ އެވެ.

ތާލިބާނުން ގަބޫލު ކުރާގޮތުގައި އަފްޣާނިސްތާނުގެ ބިމުގައި ބޭނުން ކުރި އަސްކަރީ އުޅަނދުތަކަކީ އެ ގައުމުގެ މިލްކެކެވެ. އެހެންކަމުން އަފްޣާނިސްތާނުގެ ބިމުން ފޭބިއިރު އެ އުޅަނދުތައް ތާލިބާންއާ ހަވާލުކުރަން ޖެހޭނެ ކަމަށް އެ ޖަމާއަތުން ދެކެ އެވެ.

އަލްޖަޒީރާގެ ނޫސްވެރިއަކާ ވާހަކަ ދައްކަމުން ތާލިބާނުންގެ އޮފިޝަލަކު ބުނީ އެމެރިކާގެ އެ އަމަލުގެ ސަބަބުން ތާލިބާނުންގެ އޮފިޝަލުން ރުޅިގަދަވެފެއިވާ ކަމަށެވެ.

ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކާބުލް އެއާޕޯޓްގެ ކޮމާޝަލް އޮޕަރޭޝަން ފަށަން ތާލިބާނުން މަސައްކަތް ކުރާއިރު އެކަން ފެށުމުން އަފްޣާނިސްތާނުގެ ރައްޔިތުންނަށް ވިސާއާއެކު ގައުމުން ބޭރަށް ދަތުރުކުރެވޭނެ އެވެ.

މި އުޅަނދުތަކުގެ އިތުރުން ވެސް އެމެރިކާއިން ވަނީ އަފްޣާނިސްތާނުގެ ބިމަށް ގިނަ އަސްކަރީ ހަތިޔާރުތަކެއް ދޫކޮށްފަ އެވެ.

އެމެރިކާގެ އޮފިޝަލުން ބުނާގޮތުގައި އެ ގައުމުގެ ސިފައިން އަފްޣާނިސްތާނުގައި ތިބި އިރު ޖުމްލަ 167 ވައިގެ އުޅަނދު ބޭނުންކުރި އެވެ.

މީގެ ތެރެއިން ގިނަ އުޅަނދުތަކަކީ 1980 ގެ އަހަރުތަކުގައި އުފައްދާފައިވާ އުޅަނދުތަކަކަށްވުމާއެކު ގިނަ އުޅަނދުތައް މަރާމާތުކުރަން ޖެހޭނެ ކަމަށް މާހިރުން ބުނެ އެވެ.

ދިގު 20 އަހަރުގެ ހަނގުރާމައަށް ފަހު އެމެރިކާ ސިފައިން އަފުޣާނިސްތާކުން ފޭބުމާއެކު ހައްދު ފަހަނައަޅާފައިވާ، އިސްލާމީ ޖަމާއަތެއް ކަމަށްވާ ތާލިބާނުން ވަނީ އަފްޣާނިސްތާނުގެ ސަރުކާރު ވައްޓާލާ އިސްލާމިކް އެމިރޭޓް އޮފް އަފްޣާނިސްތާނުގެ ނަމުގައި އާ ދައުލަތެއް އިއުލާންކޮށްފަ އެވެ. – ޑެއިލީ މެއިލް