ރާއްޖެ އިން ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު މަރުވެ، މަރުވި މީހުންގެ އަދަދު 37 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވެފައި ވަނީ އެ ބައްޔަށް ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު ފަހު 3:50 ހާއިރު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއާ އެކު، ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މަރުވި މީހުންގެ އަދަދު ވަނީ 37 އަށް އަރައިފަ އެވެ.

މިހާތަނަށް މި ބަލީގައި މަރުވެފައި ވަނީ 30 ދިވެހިންނާއި ހަތް ދިވެހިންނެވެ.

ކޮވިޑް-19 ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ވެސް މަރުވެފައިވެ އެވެ.

މިދިޔަ މަހު އެކަނިވެސް ރާއްޖެއިން މި ބަލީގައި ހަ މީހަކު މަރުވި އިރު، މި މަހުގެ މިހާތަނަށް ބަލި ޖެހިގެން މަރުވީ ތިން މީހުންނެވެ.

ރާއްޖެ އިން މިހާތަނަށް 11،178 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 10،097 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެ އިން މި ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 7،158 ދިވެހިންނާއި 4،020 ބިދޭސީންނެވެ.

މިދިޔަ އޭޕްރީލް މަހު މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެ ފުރަބަންދަކަށް ދިޔަ އެވެ. އަދި ކޮވިޑް-19 ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވުމާ ގުޅިގެން ފުރަބަންދަށް ލުއިތަކެއް ދިނެވެ. ފުރަބަންދަށް ލުއިތައް ދިންތާ ކުރީކޮޅު ރާއްޖޭގައި ވަރަށް ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރުނަސް، މިހާރު ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

އެހެންވެ، ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ވަނީ ލުއި ދީފަ އެވެ.