ހދ. ކުޅުދުއްފުށީގައި ކޮވިޑްގެ ލޯކަލް ޓްރާންސްމިޝަނެއް އެބައޮތް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން މިރޭ ބުނީ އެ ރަށުން ރޭ އިތުރު ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މިމަހު ފެނިފައިވާ ކޮވިޑްގެ ކޭސްތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިންއަށްފަހު ހެދި ޓެސްޓުތަކުން ފެނުނު ކޭސްތަކެއް ކަމަށް އެޗްއީއޯސީން ބުންޏެވެ.

އެޗްއީއޯސީން ބުނީ އެ ރަށުން ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެ ރަށުގެ ޓާސްކްފޯހާއި އެޗްޕީއޭގެ ޓެކްނިކަލް ޓީމާއެކު އެރަށުގައި މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތަމެދު މިއަދު މަޝްވަރާ ކޮށް އަމަލުކުރަންވީ ގޮތުގެ ލަފާ ދީފައިވާ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

މީގެކުރިން ވެސް ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްއެއް ފެނިގެން މޮނިޓަރިންގެ ހާލަތަށް ލުމަށްފަހު ވަނީ އެ ހާލަތުން ނަގާފަ އެވެ. އެފަހަރު މޮނިޓަރިން އަށްލީ މިމަހުގެ ފަސް ވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކި ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.

ކުޅުދުއްފުށީގައި މިވަގުތު 53 ގެއެއް ވަނީ މޮނީޓަރިންގަ އެވެ.