ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނިކޮށް ރާއްޖެ ދޫކުރައްވައި ފުރާވަޑައިގެންނެވީ ސަރުކާރުން އެދިގެން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ބާއްވަ އުޅުނު ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން "ދިޔަރެސް" ނޫހަށް ދިން އިއްޓަވިއުއްގައި އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އުފުލާފައިވަނީ އެއްވެސް ހެއްކެއް ނެތި ކަމަށެވެ. އަދި ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔުމަށް އެދުނީ ވެސް ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން ރާއްޖެއިން ބޭރަށް ދިއުމުގެ ހުރިހާ ކަމެއް ވެސް ހަމަޖައްސައިދިނީ ސަރުކާރުގެ ވެރިން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ރާއްޖެއިން ބޭރަށް ދިޔަކަން ސަރުކާރަށް ނޭނގޭ ކަމަށް ބުނާ ވާހަކައަށް ރައްދު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ އޭނާ ބޭރަށް ފުރާވަޑައިގެންނެވުމަށް ހައްދަވަންޖެހިވަޑައިގެންނެވި ކޮވިޑް ޓެސްޓް ހެއްދެވީ ވެސް އައިޖީއެމްއެޗުން ކަމަށާއި، އޭނާ ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވިކަން ސަރުކާރަށް ނޭނގޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކު އަޒީޒު ވިދާޅުވި ނަމަވެސް އެއީ ދޮގެއް ކަމަށެވެ.

އަލީ ވަހީދު ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމުގެ ކުރިން އިނގިރޭސިވިލާތުގެ ފުލުހުން ވަނީ ވިސާ މައްސަލާގައި އޭނާ ހައްޔަރު ކޮށްފަ އެވެ. އަދި އަލީ ވަހީދު ހައްޔަރުކުރުމުގައި ދިވެހި ސަރުކާރުގެ އަތެއްވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ނަމަވެސް މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ކަމާބެހޭ އިދާރާތަކަށް ލިބިފައެއްނުވެ އެވެ.

ދައުލަތުން އަލީ ވަހީދުގެ މައްޗަށް ގިނަ އަދަދެއްގެ ދައުވާތަކެއް އުފުލާފައި ވަނީ ޖިންސީ ކުށުގެ އެތައް ތުހުމަތެއް ކޮށެވެ. އެ މައްސަލާގެ ޝަރީޢަތް ފެށިފައިވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދައަކަށް އަލީ ވަހީދު އެދިވަޑައިގަތުމުން އޭނާއަށް ކޯޓުން އެ ހުއްދަދީ ޕާސްޕޯޓު ދޫކޮށްލި އެވެ. ޕާސްޕޯޓު ދޫކޮށް ބޭސްފަރުވާއަށް ވަޑައިގަތުމަށް ހުއްދަ ދީފައިވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަސްއަދު (އަޑުބަރޭ) ޖާމިނުކޮށެވެ.

ބޭސްފަރުވާއަށް ބޭރުގައި ހުންނަވަނިކޮށް ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވުމާއެކު އޮންލައިންކޮށް ޝަރީޢަތުގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދައަށް އަލީ ވަޙީދު އެދިވަޑައިގަތެވެ. އެ ހުއްދަ ކޯޓުން ދިނުމުން އެކަމާ ދައުލަތުން ހިތްހަމަނުޖެހި އިސްތިއުނާފުކުރި އެވެ.

އަލީ ވަހީދު ދިރިއުޅުއްވާ އެޑްރެހެއް ނޭނގޭތީ އޭނާއަށް ޗިޓު ރައްދުނުކުރެވޭ ކަމަށް ބުނެ ހައިކޯޓުން އެ މައްސަލަ ބޭރުކުރީ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ރާއްޖެއަށް ވަޑައިގަތުމަށް އަލީ ވަހީދަށް އެ ކޯޓުން އެންގި އެވެ.

ކޯޓުން ޗިޓު ފޮނުވުމުން ޝަރީޢަތަށް ހާޒިރުވެވަޑައިނުގެންނެވުމުން ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލިކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް ސުޕްރީމް ކޯޓުންވަނީ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.