އުމުރުން ދުވަސްވާ ވަރަކަށް ހަންގަނޑަށް އަންނަ ބަދަލުތަކަކީ އެންމެންނަށް ވެސް ފާހަގަ ކުރެވޭ ބަދަލުތަކެކެވެ. މި ބަދަލުތައް ކުޑަކޮށް ހަށިގަނޑުގެ ހަން ޒުވާންކަން މަތީ ބެހެއްޓުމަށް ކުރެވިދާނެ ވަރަށް ގިނަ ކަންތައްތަކެއް ހުރެ އެވެ.

ފިނި ފެނުން ފެންވެރުން

ފިނި ފެނުން ފެންވެރުމަކީ ހަށިގަނޑުގެ ހަން ތާޒާކޮށްދީ އޮމާންކޮށް ބެހެއްޓުމަށް އެހީވެދޭ ކަމެކެވެ. ފިނި ފެން ހަށިގަނޑުގައި ޖެހުމުން ހަށިގަނޑުގައި ލޭ ދައުރުކުރުން އަވަސްވެ އެވެ. މިކަމުގެ ސަބަބުން ހަމަށް ތާޒާކަން ލިބެ އެވެ.

ކަންކަމުގައި ރަނގަޅު ވިސްނުމެއް ގެންގުޅުން

ހަމަށް އަންނަ ބަދަލުތަކުގެ މައިގަނޑުއެއް ސަބަބަކީ ސްޓްރެސް އާއި އެންޒައިޓީ ކަމަށް މާހިރުން ބުނެ އެވެ. އެހެން ކަމުން ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމަށް ރަނގަޅު ވިސްނުމަކާއި "ޕޮޒިޓިވް އެޓިޓިއުޑް" އެއް ގެންގުޅުމަކީ ސްޓްރެސް ދަށްވެ، ހަން ރީތިކޮށް ބަހައްޓައިދޭނެ ކަމެކެވެ.

ކެއިންބުއިމަށް ބެލުން

ކާ ކެއުންތަކުގެ ސަބަބުން ވެސް ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. އެހެން ކަމުން ހަންގަނޑަށް ފައިދާހުރި ކެއުންތައް ކެއުމަކީ ހަމަށް އަންނަ ބަދަލުތައް ކުޑަކޮށްދޭ ކަމެކެވެ. މީގެ ތެރޭގައި ވިޓަމިން އޭ އާއި ޑީ އެކުލެވޭ ކާނާ ގިނައިން ކެއުން މުހިއްމެވެ.