ވެނިސް (06 ސެޕްޓެމްބަރު) - ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ އިޓަލީގެ ވެނިސްގައި ފަތުރުވެރިކަން ކޮންޓްރޯލް ކުރުމަށް އާ އުކުޅެއް ތައާރަފް ކޮށްފި އެވެ.
މި އުކުޅުގެ ދަށުން 468 ސީސީޓީވީ ކެމެރާ ބޭނުންކޮށްގެން ފަތުރުވެރިން އުޅޭނޫޅޭ ގޮތް ބެލޭނެ އެވެ. މި ކެމެރާތަކަކަކީ ރައްޔިތުންނާއި ފަތުރުވެރިން ވަކިކުރުމުގެ ގާބިލުކަން ލިބިފައިވާ ކެމެރާތަކެކެވެ.
އާއްމުކޮށް ފަތުރުވެރިން ގިނަ ވެނިސްގައި އެކަމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކެއް ދަނީ ކުރިމަތި ވަމުންނެވެ. މި ގެންނަ ބަދަލުތަކަކީ ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ލުއިކުރުމުގެ ގޮތުން ގެންނަ ބަދަލުތަކެއް ކަމަށް އެ ސިޓީގެ މޭޔަރު ވަނީ ވިދާޅުވި އެވެ.
މި އުސޫލުތަކުގެ ދަށުން ދެން ވެނިސްއަށް އަންނަ ފަތުރުވެރިން ހޮޓެލް ބުކިންއެއް ދައްކަން ޖެހޭނެ އެވެ. އަދި ވެނިސްގައި ހޭދަކުރާ މުއްދަތުގައި މޮބައިލް އެޕްލިކޭޝަންއެއް ބޭނުން ކުރަން ޖެހޭނެ އެވެ.
މި އުސޫލު 2019 ވަނަ އަހަރު ތައާރަފް ކުރަން ހަމަޖެހިފައިވީ ނަމަވެސް ކޮވިޑް 19އާ ހެދި ބަދަލުތައް ގެނައުން ލަސްވެ، މިއަހަރަށް ފަސްވީ އެވެ.
ގެނެވުނު ބަދަލުތަކަކީ ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތި ކުރުވާނެ ބަދަލުތަކެއް ނަމަވެސް މިއީ ދެމެހެއްޓެނިވި ކުރިއެރުމަށް ބޭނުންތެރި ނިންމުމެއް ކަމަށް ވެނިސްގެ މޭޔަރު ވިދާޅުވި އެވެ.
މިއާއެކު ފަތުރުވެރިންގެ މެދުގައި ވެނިސްގެ މަގުބޫލުކަން ކުޑަވެދާނެ ކަމަށް މާހިރުން އަންނަނީ އެ ސިޓީގެ އިދާރާތަކަށް އިންޒާރު ދެމުންނެވެ.