ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަކީ ބޮޑުވަޒީރުގެ މަގާމަށް ވަރަށް ރަނގަޅު ބޭފުޅެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕެއްގަ އެވެ.

އެ ގުރޫޕުގައި ވިޔަފާރިވެރިޔާ ގާސިމަށް ބޮޑުވަޒީރުކަން ދެއްވާ ވާހަކަ ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހުލީމް (ދޮންބިލަތް) އެވެ.

ރާއްޖެއަށް ގާސިމަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ ރައްޔިތުންނަށް އަދުލުވެރިވެ އެމަނިކުފާނުގެ ބޮޑުވަޒީރު ކަމުގައި އިންގިލާބީ ބަދަލެއް ގެނެސްދިނުން ކަމަށް ހަލީމް ވިދާޅުވި އެވެ.

ނަމަވެސް ބަރުލަމާނީ ޕެޓިޝަންގައި ސޮއި ކުރުވުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވަނީ ހަލީމުގެ ވާހަކަތަކާ ދެކޮޅު ހައްދަވާފަ އެވެ. އޭނާ ވިދާޅުވީ ގާސިމަށް ބޮޑުވަޒީރުކަން ދިނުމަށް ތާއީދު ނުކުރެއްވޭނެ ކަމަށެވެ.

ބޮންޑޭ އެހެން ވިދާޅުވުމާ ގުޅިގެން ހަލީމް ވިދާޅުވީ ގާސިމަށް ބޮޑުވަޒީރު ކަން ދިނުމުގެ ވާހަކައަކީ ބައެއް ބޭފުޅުންނަށް އަޑުއަހަން އުނދަގޫ ވާހަކައަކަށް ވާނެ ކަމަށެވެ. ނަމަވެސް އެއީ ރައްޔިތުންނަށް ރަނގަޅު ގޮތް ކަމަށް ވާނެތީވެ އެކަމުގައި ޒާތީ ނަޒަރަކުން ބެލުމުން ކަމު ނުދާނެ ކަމަށެވެ.

އިސްލާހީ މަސައްކަތުގައި ރާއްޖެ ބަދަލުކޮށް ޕާޓީ ނިޒާމް ގެނައުމަށް ގާސިމްގެ ބޮޑު ހިއްސާއެއް އެބައޮތް ކަމަށާއި އެހެންކަމުން ގާސިމަށް ސިޔާސީ ގޮތުން ހައްގު މިންވަރު ލިބެން ޖެހޭ ކަމުގައި ވެސް ހަލީމް ވިދާޅުވި އެވެ. އަދި އެ މިންވަރަކީ ބޮޑު ވަޒީރުގެ މަގާމު ކަމުގައި ވެސް ވިދާޅުވި އެވެ.

ހަލީމަށް ތާއީދު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ހަލީމަކީ ދުރުވިސްނޭ ބޭފުޅެއް ކަމަށާއި އަދި ގާސިމަކީ ބޮޑު ވަޒީރު ކަމަށް ވަރަށް ރަނގަޅު ބޭފުޅެއް ކަމަށެވެ. އިސްލާހީ މަސައްކަތުގައި ގާސިމް ކުރެއްވި މަސައްކަތް އެންމެ ގާތުން ފެނިވަޑައިގެންނެވި ބޭފުޅަކީ އެމަނިކުފާނު ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ގާސިމަށް ތައުރީފް ވެސް ކުރައްވާފަ އެވެ.

ނަމަވެސް ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ، އެމަނިކުފާނަށް ޕިއޯނުކަން ދޭން ވެސް އެމްޑީޕީން އެއްބަސްނުވާނެ ކަމަށެވެ. އަދި އެވަރު ދިނަސް ވަރަށް ރަނގަޅު ބަޔަކަށް ވާނެ ކަމަށް ޤާސިމް ވިދާޅުވެފައިވެ އެވެ.

އެކަމާގުޅިގެން ރައީސް ނަޝީދު ވަނީ މިހާތަނަށް ވެސް ގާސިމް ވިދާޅުވި ގޮތްތައް އެމްޑީޕީން ހަދާފައިވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަންކަމުގެ ތަފްސީލް ދެއްވާފައެއް ނުވެ އެވެ.

އެމްޑީޕީގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކެމްޕޭނެއް ފަށައި ޕެޓިޝަނެއްގައި ސޮއި ކުރުވަމުންނެވެ.

ގާސިމް އަށް ބޮޑުވަޒީރުކަން ދެއްވުމަށް ވާހަކަ ދައްކަވާއިރު ރައީސް ނަޝީދު ގެންދަވަނީ ފައުޅުކަން ބޮޑު ގޮތެއްގައި ބޮޑުވަޒީރުކަމުގެ ޝައުގުވެރިކަން ފައުޅު ކުރައްވަމުން އަންނަކަން ވެސް ފާހަގަ ކޮށްލެވެ އެވެ.

ބަރިލަމާނީ ނިޒާމް ގެނައުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަން ފެއްޓެވެމުން އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅަކީ ގާސިމް އިބްރާހިމް އެވެ.