ސަޔަކީ އެންމެން ވެސް ވަރަށް އާއްމުކޮށް ބޯ ވަރަށް މީރު ބުއިމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް ސަޔަކީ ފެނަށް ފަހު އެންމެ ގިނައިން ބޭނުން ކުރެވޭ ބުއިމެވެ.

މާހިރުން ބުނާ ގޮތުގައި ބޮޑުމީހަކު ފުރިހަމަ ސިއްހަތުގައި ހުރުމަށްޓަކައި ދުވާލަކު 3-2 ޖޯޑު ސައި ބޯން ޖެހެ އެވެ. މިއީ އާއްމު ސިއްހަތު ރަނގަޅުވެ، އުމުރުން ދުވަސްވުމުން ހަށިގަނޑަށް އަންނަ ބަދަލުތައް ލަސްކޮށްދޭ ކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކަޅު ސަޔާއި "ގްރީން ޓީ" އަކީ ހިތުގެ ބަލިތަކާއި ހަކުރު ބަލީގެ އިތުރުން ނާރުގެ ބަލިތަކުން ދުރުކޮށްދޭ ބުއިމެކެވެ. އެހެން ކަމުން ގަވާއިދުން ސައި ބޯ މީހުންނަށް މިފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވާނެ އެވެ.

ހެނދުނު ހޭލާ ގޮތަށް ހައިބަނޑާ ސައިތަށްޓެއް ބުއިމަކީ ގިނަ ބައެއްގެ އާދަ އެކެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މާހިރުން ބުނެ އެވެ. ސައި ބުއިމަށް އެންމެ ރަނގަޅީ ހެނދުނުގެ ނާސްތާއަށްފަހު ކަމަށް ވީއިރު މިއީ ކުރިއަށް އޮތް ދުވަހަށް ތައްޔާރު ކޮށްދޭ ކަމެކެވެ.

ސަޔަކީ 99 ޕަސެންޓް ފެނުގެ ބުއިމަކަށްވުމާއެކު، މިއީ ހަށިގަނޑުގައި ވަރު ޖައްސައިދޭ ބުއިމެކެވެ. އެހެން ކަމުން ކަސްރަތު ކުރުމާއި ކުޅިވަރު ފަދަ ހަރަކާތްތަކަށްފަހު ސައި ބުއިމަކީ ހަށިގަނޑު ތާޒާކޮށްދޭނެ ކަމެކެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު އަހަރުމެންގެ އާދައަކީ ރަނގަޅު އާދައެއް ކަމުގައި ބުނެވިދާނެ އެވެ. ނަމަވެސް މިކަމުގައި ވެސް ރަނގަޅު ގޮތްތައް ގެންގުޅެންވާނެ އެވެ.