ޖެނީވާ (08 ސެޕްޓެމްބަރު) - ދުވަހަކަށް ވުރެ ދުވަހެއް ކޮވިޑް -19 މިއުޓޭޓްވެ، އާދައިގެ ރޯގާއަކަށް ބަދަލުވަމުން ދާތީ މި ބަލިމަޑުކަމުން އެއްކޮށް ސަލާމާތްވުން ނާދިރު ކަމަށާއި މި ބަލިމަޑުކަން ދިގު މުއްދަތަކަށް އަހަރުމެންނާއެކު ވުން އެކަށީގެންވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

"އިންފްލުއެންޒާ ވައިރަސްތަކާ އެއްފަދައިން މި ވައިރަސް ވެސް މިއުޓޭޓްވެ ދިގު މުއްދަތަކަށް އަހަރުމެންނާއެކު ވުމުގެ ފުރުސަތު ވަރަށް ބޮޑު،" ޑަބްލިއުއެޗްއޯގެ ހެލްތު އެމަޖެންސީ ޕްރޮގްރާމްގެ އެގްޒެކެޓިވް ޑިރެކްޓަރު މާކް ރަޔާން ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އެ ޖަމިއްޔާއިން ވަނީ ވެކްސިންއިން ކޮވިޑް -19 ބަލިމަޑުކަން ދުނިޔެއިން އެއްކޮށް ނައްތާނުލެވިދާނެ ކަމަށް ބުނެފަ އެވެ. އޭގެ އިތުރުން ގިނަ ސިއްހީ މާހިރުން ވެސް ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ޖެހޭނީ ކޮވިޑާއެކު ދިރިއުޅެން ކަމަށް އިންޒާރު ދީފަ އެވެ.

"ކުރިން ބަލި ނައްތާލެވިދާނެ ކަމުގެ އުއްމީދު އޮތް ނަމަވެސް މިހާރު އެއީ ވަރަށް ނާދިރު ކަމެއް،" ރަޔާން ވިދާޅުވި އެވެ.

ކޮވިޑްގެ ޕެންޑެމިކް ފެށިގެން އައި އިރު ބަލިމަޑުކަމާ ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން އެދެވޭ ފިޔަވަޅުތަކެއް އެޅި ނަމަ މިއަދުގެ ހާލަތު ވަރަށް ތަފާތުވީސް ކަމަށް ޑަބްލިއުއެޗްއޯގެ އޮފިޝަލުން ބުނެ އެވެ. – ސީއެންބީސީ