މަނީ ލޯންޑަރިންގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަންނަވަން އުޅޭ ކަމަށް ބުނެ ފަތުރަމުންގެންދާ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އެ މަނިކުފާނުގެ ވަކީލު ޝިޔާޒް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ އަބްދުﷲ ޝިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ ކްރިމިނަލް ކޯޓުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ފަރާތަކަށްވެފައި، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާޢިދުތައް ހުއްދަނުކުރާ މިބާވަތުގެ ކަންތައްތައް އެމަނިކުފާނު ނުކުރައްވާނެ ކަމަށެވެ.

އަދި ރައީސް ޔާމީން، މިރޭ ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބުނެ ހަގީގަތާއި ހިލާފު ހަބަރުތައް ނުފެތުރުމަށް ހުރިހާ ޚަބަރުފަތުރާ ވަސީލަތްތަކާއި، ނޫސްތަކާއި އަދި ލޮބުވެތި ދިވެހި ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަންނަވާކަމަށް ވަކީލު ޝިޔާޒް ވަނީ ވިދާޅުވެފަ އެވެ.

އަދި އެމަނިކުފާނުގެ އުންމީދަކީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޖިނާއީ ހުކުމުން މިންޖުވެ ވީއެންމެ އަވަހަކަށް ދިވެހި ރައްޔިތުންގެ ޚިދުމަތަށް ނުކުމެވަޑައިގެންނެވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗެނަލް 13 އިން ގެނެސްދޭ "ހަޖަމް" ޕްރޮގްރާމްގެ މިރޭގެ އެޕިސޯޑްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ވަނީ ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމިން މިވަގުތު ހުންނެވީ ގޭބަންދުގަ އެވެ. ރައީސް ޔާމީންގެ މައްޗަށް އެ މައްސަލައިގައި އިތުރު ދައުވާ ތަކެެއް އުފުލައި އެމައްސަލަތައް ވެސް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިނގަމުންނެވެ. ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެ މައްސަލައިގެ އަޑުއެހުންތައް ފަށަން މިހާރު ވަނީ ތައްޔާރުވެފަ އެެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަށް ސަރުކާރުން އެކި ގޮތްގޮތުން ނުފޫޒު ފޯރުވާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތުކޮށްފައެެވެ. ކުރީގެ ބައެއް ފަނޑިޔާރުން ވެސް ވަނީ އެކަން އެގޮތަށް ހިނގާފައިވާކަން ކަށަވަރު ކޮށްދެއްވާ ފައެެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.