ސަރުކާރުގެ ބޮޑެތި ކުންފުނިތައް މިއަދު ބަނގުރޫޓު ވަމުންދަނީ މި ސަރުކަރުން ގާބިލްކަމެއް ނެތް ތަންދޮރު ނޭނގޭ ވެރިން ކުންފުނިތަކަށް ލާފައި ތިބުމުން ކަމަށް ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ޝުޖާއު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ކުންފުނިތަކަށް އިލްމީ ގާބިލް މީހުން އައްޔަން ކުރެއްވީ އެކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ކަމަށާއި އޭގެ ނަތީއްޖާ ވެސް ރައްޔިތުންނަށް ފެނުނު ކަމަށެވެ. އެގޮތުން އައިލެންޑް އޭވިއޭޝަން ފަދަ ކުންފުނިތައް ރައީސް ޔާމީންގެ ވެރިކަމުގައި ރަނގަޅު ނަތީޖާ ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނުކިޔަވާ ތަނެއް ދޮރެއް ނޭނގޭ ރައްޔިތުންނަށް ޚިދުމަތްކުރަން ނުދަންނަ އިލްމެއް ހިލްމެއް ހުނަރެއް ނެތް މީހުންނަށް ކުންފުނިތަކާ ދައުލަތުގެ މަތީ މަގާމްތައް ދިނުމުގެ ސަބަބުން ދައުލަތް މިއަދު މިއޮތީ ފޫވެއްޓިފައި. ރައީސް ޔާމީން އެންމެ އިސްކަމެއް ދެއްވައިގެން ނަގާ ކޮއްޅަށް ޖެއްސެވި އެއް ކުންފުންޏަކީ ލޯމްޑިވިއަން. މިއަދު އެ ކުންފުނީގެ ޙާލަތާއި މުވައްޒަފުންނާއި ދޭތެރޭ އަމަލު ކުރަމުންދަނީ ކިހިނެތްތޯ؟ ޕެންޑެމިކްގެ ތެރޭގައި އެހެން ކުންފުނިތަކުން އުނިކުރި މުސާރަ އަނބުރާ އިއާދަކޮށްދީފި. ނަމަވެސް މިއަދު އަޅުގަނޑުމެންނަށް އަޑު އިވިގެން މިދަނީ މޯލްޑިވިއަން ދުއްވާ ޕައިލެޓުން މާދަމާ މަސައްކަތު ނުނުކުންނާނެ ވާހަކަ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ވުރެ މި ކުންފުނީގެ ވެރިންގެ މުސާރަ ބޮޑު. ފްލައިޓް ދުއްވާ މީހުންނަށް އެކައްޗެއް ވެސް ނުލިބޭ،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީވެސް އިންސާފެއް ނޫން ކަމަށާއި ފުރާނަ ރިސްކަށް ލައިގެން މަސައްކަތްކުރާ ޕައިލެޓުންނަށް މުސާރަ ކުޑަކޮށްގެން މިއުޅެނީ އެމީހުންނަށް ހައްގުވާ މިންވަރު ނުލިބިގެން އެމީހުން ވަކާލާތުކުރަމުން ދާއިރު ކުންފުނީގެ އިސްވެރިން ތިބެނީ ބޮޑު މުސާރަ ނަގައިގެން ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގަތީ ދިވެހި ރާއްޖޭގެ މީޑިއާއަކީ އެމަނިކުފާނު އިސްކަންދީގެން ވަރަށް ގާތްގުޅުމެއް ބާއްވައިގެން މިނިވަންކަމާއެކު ހިންގާ ތަނެއްގެ ގޮތުގައި ބާއްވާނެ ކަމުގެ ވައުދާ އެއްކޮށް ކަމަށާއި މިއަދު އެންމެ ކަންބޮޑުވަނީ ދައުލަތުގެ މީޑިއާ ހިންގަން ތިބި ވެރިންގެ ނާގާބިލްކަމުން ކުރިމަތިވާ މައްސަލަތަކުގެ ސަބަބުން ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. އެގޮތުން ދައުލަތުގެ މީޑިއާގައި މަސައްކަތްކުރާ ވެރިންގެ މުސާރަތަކުން ނުކަނޑާ އޭގެ ދަށުން މަސައްކަތްކުރާ ޓެކްނިކަލް މީހުންނާއި ޖާނަލިސްޓުންގެ މުސާރައިން ތިންހާސް ރުފިޔާއާއި ހަހާސް ރުފިޔާއާއި ދެމެދުގެ އަދަދަކަށް އުނިކޮށްފައިވާކަމީ ހިތާމަކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މާދަމާ މި ނުކުންނަނީ މިފަދަ އެތައް ކަމަކަށް އިންސާފު ހޯދަން ކަމަށާއި އިންސާފު ނުލިބިފައި ތިބި ހުރިހާ ރައްޔިތުން "އިންސާފު ހޯދަން" ނުކުތުމަށް ޝުޖާއު ގޮވާލެއްވި އެވެ.