ރައީސް އަބްދުﷲ ޔާމީން ގޭބަންދުގެ ގަވައިދާ ހިލާފުނުވާ ކަމަށް އެ މަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ ރައީސް ޔާމީން މިއަދު ގެކޮޅުގެ ކުޑަދޮރުން ސަޕޯޓަރުންނަށް ފެނިލެއްވުމުން ގޭބަންދުގެ ގަވައިދާ ހިލާފުވެއްޖެ ކަމަށާއި ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވުމާ ގުޅިގެންނެވެ.

ޑރ. ޖަމީލް ވިދާޅުވީ ގޭބަންދުގައި ހުންނެވި ބޭފުޅަކަށް ވެސް ގޭގެ ކުޑަދޮރު ހުޅުވާލުމުގެ ހައްގު އޮންނަ ކަމަށާއި އެއީ އަދި ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ކަމަށް ނުބެލެވޭ ކަމަށެވެ.

ކޮމިޝަނަރު އޮފް ޕްރިސަންސް މިގޮތަށް ޓުވީޓް ކުރެއްވުމާ ގުޅިގެން ގިނަ ބަޔަކު ދަނީ އެ ޓުވީޓަށް ރައްދުދީ ފާޑު ކިޔަމުންނެވެ. އެގޮތުން ވަރަށް ގިނަބަޔަކު ދަނީ 2017ވަނަ އަހަރުގެ ޖޫންމަހުގެ 25 ވަނަ ދުވަހު އީދުގެ އުފަލުގައި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން ގޭބަންދުގައި ހުންނަވާ ބެލްކަންޏަށް ނުކުމެވަޑައިގެން ފެންކުޅި ކުޅުއްވާ ފޮޓޯ ހިއްސާ ކުރައްވާފައެވެ.

މީގެ އިތުރުން ވެސް ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކޮށް ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

މިހާރު ގޭގައި ހުންނެވި ރައީސް ޔާމީން މިއަދު ވަނީ އެމަނިކުފާނުގެ ގެކޮޅުގެ ކުޑަދޮރުން ސަޕޯޓަރުންނަށް ފެނިލައްވާ އަތްޕުޅުން އިޝާރާތްކުރައްވާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކުޑަ ދޮރާދިމާލުން ސަޕޯޓަރުން ދިއްކުރި ގައުމީ ދިދަ އާއި ޕާޓީގެ ދިދަ ހިއްޕަވައިގެން ވެސް ކުޑައިރުކޮޅަކު ހުންނެވި އެވެ.