ގޭތަރޭގެ މާހައުލަކީ ކޮންމެ މީހަކަށް ވެސް ވަރަށް ހާއްސަ ތަނެކެވެ. އެކި މީހުން އެކި ގޮތްގޮތަށް ގޭތެރެ ޒީނަތްތެރި ކޮށް އުޅޭއިރު ގޭތެރެ ޒިނަތްތެރި ކޮށްފައި ހުންނަ ގޮތުން ވެސް ސިއްހަތަށް އޭގެ އަސަރުކުރާ ކަމަށް މާހިރުން ބުނެ އެވެ.

އެގޮތުން ބަލާއިރު މާ ކުޑަ ތަންކޮޅެއްގައި ގިނަ ފަރުނީޗަރުތައް އަތުރާފައި ބެހެއްޓުމަކީ ސްޓްރެސް އާއި އެންޒައިޓީއަށް މަގުފަހިވާ ކަމެކެވެ. މިއީ ކުޑަ ތަންކޮޅެއްގައި ހުރެ "ސަފޮކޭޓް" ވާ ކަމުގެ އިހުސާސް ކުރުވާނެ ކަމެކެވެ.

ހަމައެއާއެކު ފާރިތަކުގައި ލާފައި ހުންނަ ކުލައިން ވެސް ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެގޮތުން ކުލަގަދަ ކުލައެއް ލާފައި ހުންނަ ނަމަ ހަށިގަނޑުގެ ސްޓްރެސް ހޯމޯންސް އިތުރުވާއިރު މަޑު ކުލެއެއް ލުމަކީ ހިތަށް ހަމަޖެހުން ލިބި ސްޓްރެސް ދަށް ކޮށްދޭނެ ކަމެކެވެ.

މީގެ އިތުރުން ގޭތެރޭގައި އަލި ހުންނަ ގޮތަކީ ވެސް ސިއްހަތަށް ބޮޑު އަސަރެއް ކުރާ ކަމެކެެވެ. ނިދާ ކޮޓަރީގައި މާ އަލިގަދަ ވެއްޖެނަމަ ނިދަން އުނދަގޫވެ އެކި މައްސަލަތައް ކުރިމަތިވާއިރު ސިޓިންރޫމް ނުވަތަ އާއްމުކޮށް އުޅޭ ތަން އަލިމަޑު ކޮށް ބެހެއްޓުމަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީވެދޭ ކަމެކެވެ.

މިކަންކަމަށް ބަލާއިރު ގޭތެރޭގެ އިންޓީރިއާ ޑިޒައިން ކުރުމުގައި ސިއްހަތަށް ކުރާނެ އަސަރުތައް ދެނެގަނެ އެއާ އެއްގޮތަށް ގޭތެރެ ޒީނަތްތެރި ކުރުމަކީ މުހިންމު ކަމެކެވެ.