ގަވާއިދުން ކަސްރަތުކުރާ މީހުންނަށް އެންޒައިޓީއާއި ސްޓްރެސް ފަދަ ނަފްސާނީ ބަލިތައް ޖެހުމުގެ ފުރުސަތު 60 ޕަސެންޓް ކުޑަ ކަމަށް އަލަށް ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ފްރަންޓިއާސް އިން ސައިކިއޭޓަރީ ނަމަކަށް ކިޔާ މަޖައްލާއެއްގައި ޝާއިއު ކޮށްފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުން 20 އަހަރުގެ މުއްދަތެއްގައި ހަރަކާތްތެރި ދިރިއުޅުމެއް އުޅެފައިވާ މީހުންގެ ހަޔާތުގައި ނަފްސާނީ ބަލިތައް ޖެހުމުގެ ފުރުސަތު އެނޫން މީހުންނަށް ވުރެ 60 ޕަސެންޓް ދަށެވެ.

"ހަރަކާތްތެރި ދިރިއުޅުމެއް އުޅުމާއި ދުޅަހެޔޮ ނަފްސާނީ ދުޅަހެޔޮ ކަމާ އޮތް ގުޅުން އަންހެނުންނާއި ފިރިހެނުންގެ ފަރާތުންވެސް ފެނިފައިވޭ،" ދިރާސާކުރުމުގައި އިސްކޮށް އުޅުނު އޮފިޝަލަކު ބުންޏެވެ.

އެންޒައިޓީއަކީ ދުނިޔޭގގެ އާބާދީގެ 10 ޕަސެންޓް މީހުންނަށް އެމީހުންގެ ހަޔާތުގެ ކޮންމެ ވެސް ހިސާބެއްގައި ކުރިމަތިވާ ކަމަކަށް ވާއިރު ނަފްސާނީ ދުޅަހެޔޮކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަކީ ކުރަން ޖެހިފައިވާ ކަމެކެވެ.

އެގޮތުން ކަސްރަތު ކުރުން ފަދަ ދިރިއުޅުމަށް ގެންނަ ބައެއް ބަދަލުތަކާއި ބައެއް އާދަތަކުގެ ސަބަބުން ނަފްސާނީ ބަލިތަކުން ދުރުވެ ތިބުމަށް އެހީވެދެ އެވެ.