މަނީ ލޯންޑާކުރިކަން ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުގައި ކުރިޔަށް ދާއިރު، އެމައްސަލާގެ ޝަރީއަތް ދެ ފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް އިންޓަނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަންގެ ޗެއާމަން ޑރ. މުހައްމަދު ޝާހިދު އަމީން ހާން ގޮވާލައްވައިފި އެވެ.

އިންޓަނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަންގެ ޗެއާމަން ޑރ. މުހައްމަދު ޝާހިދު އަމިން ހާން މިގޮތަށް ގޮވާލެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދެއްވި މެސެޖެއްގައި އެވެ.

ޑރ. މުހައްމަދު ޝާހިދު އަމިން ހާން އިތުރަށް ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް އިންޓަނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. އަދި އިންސާފުވެރިކަމާއެކު ރައީސް ޔާމީންގެ ޝަރީއަތް ކުރިޔަށް ގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެމެސެޖުގައި ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ، އެހެން ނަމަވެސް، އިންސާފު ލިބޭނެކަން ކަށަވަރު ކުރާނެ ކަމަށެވެ. އަދި، އިންސާނީ ހައްގުތަކާއި ބެހޭ ދުނިޔޭގެ ކޮމިޝަނުން ބޭނުންވަނީ، ހާފް ޖަސްޓިސްއެއް ނޫންކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ކުރިޔަށް ގެންދާ ޝަރީއަތެއް ކަމުގައި ވީނަމަވެސް، އިންސާފުވެރިކަމާއިއެކު ދެފުއް ފެންނަ ގޮތެއްގައި ޝަރީއަތް ކުރިޔަށް ގެންދަން ޖެހޭނެ ކަމަށެވެ.

ޑރ. މުހައްމަދު ޝާހިދު އަމިން ހާން މިފަދައިން ވިދާޅުވެފައިވާއިރު އިސްތިއުނާފް ޝަރީއަތް ނިމެންދެން ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށާއި ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކޮށްދޭން ރައީސް ޔާމީން ވަނީ ސުޕްރީމްގައި އެދިވަޑައިގެންފަ އެވެ. ދެ ދުވަސް ފަހުން، މިކަމުގައި ގޮތެއް ނިންމާނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހު އެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާއިރު، އިތުރު ޝަރީއަތްތަކެއްވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެގޮތުން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރެއްވުމާއި މަނީލޯންޑަރިންގެ ކުށުގެ ދަޢުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ، ރިސޯޓެއްގެ ގޮތުގައި ފުށްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެ ފައިސާ ލޯންޑަރކުރުމަށް ފަށަލަކޮށްފައިވާ މައްސަލާގަ އެވެ.