ރައީސް އޮފީހުގެ ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ އަށް މަހެއްގެ މައްޗަށް 1.7 މިލިއަން ރުފިޔާ ހަރަދު ކުރާކަމަށް ސަރުކާރުން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުންކޮށް ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައާއި އިނާޔަތުގެ މައުލޫމާތު ހޯދައި އެ މައުލޫމާތު އާންމު ކުރާ، އައިމަން ލަތީފުގެ އެދުމުގެ މަތިން ރައީސް އޮފީހުން ވަނީ އެ މައުލޫމާތު އޭނާ އަށް ހިއްސާކޮށްފަ އެވެ.

ރައީސް އޮފީހުން އައިމަނަށް ހިއްސާކުރި މައުލޫމާތުތަކުގައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމުން ފެށިގެން ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ ބޭފުޅުންގެ މުސާރަ އަށް މަހެއްގެ މައްޗަށް 1.68 މިލިއަން ރުފިޔާ ޚަރަދު ކުރަމުން ދެ އެވެ.

ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މުސާރަ އަކީ 100،000 ރުފިޔާއެވެ. ނައިބު ރައީސްގެ މުސާރަ އަކީ 75،000 ރުފިޔާ އެވެ.

ރައީސް އޮފީހުގައި ތިއްބަވާ މިނިސްޓަރު ފެންވަރުގެ ހަތް ބޭފުޅުން ކުރެ ކޮންމެ ބޭފުޅަކަށް މަހަކު 66،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު އެއީ މަހެއްގެ މައްޗަށް 462،000 ރުފިޔާ ކަމަށް އެ މައުލޫމާތުތަކުން އެނގެ އެވެ.

މީގެއިތުރުން ރައީސް އޮފީހުގައި ތިއްބަވާ ސްޓޭޓް މިނިސްޓަރު ފެންވަރުގެ 10 ބޭފުޅުން ކުރެ ކޮންމެ ބޭފުޅަކަށް މަހެއްގެ މައްޗަށް 48،500 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވަ އެވެ.

އެ މައުލޫމާތުން ހާމަވާގޮތުގައި ސްޓޭޓް މިނިސްޓަރު ފެންވަރުގެ ބޭފުޅުންނަށް ވުރެ ބޮޑު މުސާރަ ލިބޭ ބޭފުޅެއް ވެސް އެބަ ހުންނެވި އެވެ. އެއީ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓަޖިސްޓް އިބްރާހިމް ހޫދެވެ. ރައީސް އޮފީހުގެ ތަރުޖަމާނުގެ މަސްއޫލިއްޔަތުކަން ވެސް އަދާކުރައްވާ ހޫދުގެ މުސާރަ އަކީ 55،000 ރުފިޔާ އެވެ.

ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ 13 ބޭފުޅުން ތިބޭއިރު އެ ބޭފުޅުންގެ މުސާރަ އަކީ މަހަކު 43،000 ރުފިޔާ އެވެ. އަދި މަހެއްގެ މައްޗަށް އެބޭފުޅުންގެ މުސާރަ އަށް 559،000 ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށްވުރެ މި ސަރުކާރުގެ ސިޔާސީ މަގާމްތައް ގިނަ ކަމުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.