ޑިސްކަވަރީ ޗެނަލްގެ މަޝްހޫރު ރިއަލިޓީ ޝޯ "އިންޓު ދަ ވައިލްޑް ވިތް ބެއާ ގްރިލްސް"ގެ މަންޒަރުތައް ވ. އަތޮޅުގައި ނެގުމަށް ހުއްދަ ދީފި އެވެ.

ބެއާ ގްރިލްސްގެ މަޝްހޫރު ޝޯ "އިން ޓު ދަ ވައިލްޑް"ގެ ދެވަނަ ސީޒަންގެ ޝޫޓިން ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަންނާއެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ވ. އަތޮޅުގެ މަޝްހޫރު "ޝިޕްރެކް" ސަރަހައްދުގަ އެވެ.

ޝޯގެ ޝޫޓިންއަށް ބެއާ ގްރިލްސް އަދި އަޖޭގެ އިތުރުން ޕްރޮޑަކްޝަން ކްރޫ މިހާރު ތިބީ ރާއްޖޭގަ އެވެ. މިދަތުރުގައި އަޖޭގެ ދަރިފުޅު ޔުގް ދޭވްގަން ވެސް އަޖޭއާއެކު ރާއްޖެ އައިސްފައިވާއިރު ޔުގްގެ 11 ވަނަ އުފަންދުވަސް ވެސް ފާހަގަކޮށްފައި ވަނީ ރާއްޖޭގަ އެވެ.

ވ. އަތޮޅުގެ މަޝްހޫރު "ޝިޕްރެކް" ސަރަހައްދު

މިކަމާ ގުޅިގެން ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަޖޭ ބައިވެރިވާ ޝޫޓިން ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާނެ ކަމަށެވެ. ޝޫޓިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

"އިން ޓް ދަ ވައިލްޑް"ގެ ހޯސްޓާ އެކު ގިނަ ހޮލީވުޑް އަދި ބޮލީވުޑް ތަރިން އެ ޝޯގައި މެހެމާނުންގެ ގޮތުގައި ބައިވެރިވެ އެވެ. މީގެ ކުރިން ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު އަދި ރަޖްނީކާންތު ވެސް ބެއާ ގްރިލްސްއާ އެކު ބައިވެރިވެފައިވެ އެވެ.

https://www.instagram.com/p/CTyQrCLIabH/

ތަފާތު ސަރަހައްދުތަކަށް ގެންގޮސް އެކި ކަހަލަ ސްޓަންޓް ހައްދާ އަމިއްލައަށް ސަވައިވްވާން ޖެހޭ ގޮތަށް ޑިޒައިންކޮށްފައިވާ މި ޝޯގެ އަޖޭގެ އެޕިސޯޑް ފުރަތަމަ ދައްކާނީ ޑިޒްނީ އެޕުންނެވެ.