ވޮޝިންޓަން (15 ސެޕްޓެމްބަރު) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2020 ވަނަ އަހަރުގެ އިންތިޚާބުން ބަލިވެއްޖެނަމަ ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު އެ ސަރުކާރުގެ އިސް އޮފިޝަލަކު ޗައިނާގެ ސަރުކާރަށް ދިން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެމެރިކާގެ ޖެނެރަލް މާކް މިލޭ ވަނީ އެމެރިކާގައި ބޭއްވި އިންތިޚާބުގެ ހަތަރު ދުވަސް ކުރިން އޮކްޓޯބަރު 30 ވަނަ ދުވަހު ޗައިނާގެ ޕީޕަލް ލިބަރޭޝަން އާމީގެ ޖެނެރަލް ލީ ޒޫ ޗެންގްއަށް ފޯނުން ގުޅުއްވާ ވާހަކަ ދައްކަވާފަ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި މާކް ވަނީ އެމެރިކާގައި ކަންތައް ހިނގަމުން ދަނީ ރަނގަޅަށް ކަމަށާއި ނުރައްކަލެއް އޮތް ނަމަ ޗައިނާއަށް އެކަން އަންގާނެ ކަމަށް އެ ފޯނު ކޯލްތަކުގައި ބުނެފައިވެ އެވެ.
މި ރިޕޯޓާ ގުޅިގެން ކުރީގެ ރައީސް ޓްރަމްޕް ވަނީ އެ ކޯލުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ވިދާޅުވެ، މާކްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
މިއާއެކު ސެނެޓްގެ ރިޕަބްލިކަން މެމްބަރެއް ކަމަށްވާ މާކޯ ރުބިއޯ ވަނީ މާކްގެ އިތުބާރެއް ނެތް ކަމަށް ވިދާޅުވެ، ވަގުތުން ވަގުތަށް މާކް މަޤާމުން ވަކިކުރަށް ރައީސް ބައިޑަންއަށް ގޮވާލާފަ އެވެ.
މި ރިޕޯޓާމެދު ސުވާލު ކުރެވުމުން ވައިޓްހައުސްގެ ތަރުޖަމާނު ބުނެފައި ވަނީ އެކަމާބެހޭ ގޮތުން ރަސްމީ ބަހެއް ބުނަން ބޭނުން ނުވާކަމަށެވެ.