ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި 100 އިން ދަށުގައި ހުންނަތާ 33 ދުވަސް މިއަދާ ހަމަޔަށް ވިއިރު ނަގާ ސާމްޕަލްތަކުގެ ނިސްބަތުން ޕޮޒިޓިވް ރޭޓް ދެ ޕަސެންޓަށް ދަށްވެފައިވާތާ ދެ ދުވަސްވެއްޖެ ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ސެޕްޓެމްބަރު 16 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ކޮވިޑް ކޭސްތައް 100 އަށް ވުރެ މައްޗަށް ނުދެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ފަހުން އެންމެ މަދުން ޕޮޒިޓިވްވެފައި ވަނީ މިއަދު އެވެ.

އެޗްޕީއޭ އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި 23 ވަނަ ދުވަހު 23 މީހުން ޕޮޒިޓިވްވިއިރު، މިދިޔަ 24 ގަޑިއިރު މުޅި ރާއްޖެއިން ޕޮޒިޓިވްވީ 22 މީހުންނެވެ. އެއީ ސަތޭކައަކުން 2.94 އެވެ. މިދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި އެ ނިސްބަތް ހުންނަނީ ދިހަ ޕަސެންޓުން މަތީގަ އެވެ.

އެޗްޕީއޭ އިން ހާމަކުރާ ކޮންމެ 24 ގަޑިއިރެއްގެ ހިސާބުތަކަށް ބަލާއިރު، ކޭސްތައް 100 އިން ދަށުގައި ހުރި 33 ދުވަހު ޕޮޒިޓިވްވި ރޭޓް އެންމެ މައްޗަށް ވެސް އަރާފައިވަނީ ސެޕްޓެމްބަރު 18 ގަ އެވެ. އެ ދުވަހުގެ ރޭޓަކީ 14.5 އެވެ.

މި ދަށްވުން އައިސްފައި މި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު، ކޮވިޑަށް ކޮންމެ ދުވަހަކު ޕޮޒިޓިވްވާ ރޭޓް 21 ޕަސެންޓަށް ވެސް އެރުމަށް ފަހު އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ މިހާރު ރާއްޖެއިން ކޮވިޑް19ގެ ކޭސްތައް ފެންނަ އަދަދު މަދުވި ނަމަވެސް، މި ބަލި މުޅިން ފިލައިގެން ނުދާ ކަމަށާއި ތިންވަނަ ރާޅެއް ވެސް އަތުވެދާނެ ކަމަށެވެ.

"މިހާރު ގަބޫލުކުރެވޭނެ އަޅުގަނޑުމެންގެ ތެރެއިން މިހާރު ކޭސްތައް މަދުވިޔަސް، އެއްކޮށް ކޮވިޑް ފިލައިގެން ނުދާކަން. އަނެއްކާވެސް އިތުރު ވޭވްއެއް ހަމަ އަތުވެދާނެކަން. ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި އެ އުޅެނީ ތިންވަނަ ވޭވްއެއް އައިސްގެން،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް ގައިޑްލައިންތައް އެކުލަވާލަނީ އެވަގުތަކަށް ލިބެން ހުރި އެންމެ ފަހުގެ މައުލޫމާތަށް ބިނާކޮށް އަދި ބަލިން ރައްކާތެރިވެވެން ހުރި ކަންކަން ހިމަނައިގެން ކަމަށެވެ. އަދި އަބަދު ލޮކްޑައުންފަދަ ފިޔަވަޅުތައް ނޭޅޭނެ ކަމަށާއި ކޮވިޑާއެކު އުޅެން ދަސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮވިޑާއެކު ދިރިއުޅެން ދަސްކުރަން ޖެހޭ އެބަ. އަބަދު ރެސްޓްރިކްޝަންސްއަކަށް ނުދެވޭނެ. ރެސްޓްރިކްޝަންސްއަށް ދިޔައިމަ ދިރިއުޅުމަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވޭ. ރެސްޓްރިކްޝަންސްއާ ނުލާ އުޅެވޭނީ މާސްކް އެޅުމާއި މިކަންކަމަށް ސަމާލުކަން ދީގެން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ލުއިތަކެއް ދީފައިވާ ކަމަށާއި ކުރިއަށް ވެސް ލުއިތަކެއް ދިނުމަށް ރާވާފައިވާ ކަމަށެވެ. ނަމަވެސް ލުއިތައް ދެވޭނީ ލުއިދިނުމުގައި މިހާރު ބަލާ މިންގަނޑުތަކުން ޖުމުލަ ސްކޯ ހަތަރެއް ނުވަތަ އެއަށްވުރެ ދަށުގައި ހިފެހެއްޓިއްޖެނަމަ އެ ލުއިދޭނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.