ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދުގައި ހުންނަވައިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ކުރި މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނާ މައްސަލާގައި އެމަނިކުފާނަށް ހިޔަވަޅު އަޅައިފި އެވެ.

މިދިޔަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅު ކަމަށްވާ ހ. ދޫވަހި ގައި ހުންނަވައިގެން ކުޑަދޮރުން މުޒާހަރާގެ ބައިވެރިންނަށް އިޝާރާތްކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ޤައުމީ ދިދައަކާއި ޕީޕީއެމްގެ ދިދަ ވިހުރުވާފަ އެވެ.

ކަރެކްޝަނުން ބުނީ އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ލިޔުމުން އިއްޔެ ޔާމީނަށް ނަސޭހަތް ދީފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ތަކުރާރުކުރައްވައިފި ނަމަ އަޅާނެ ފިޔަވަޅެއް ކަރެކްޝަނުން ހާމައެއް ނުކުރައްވަ އެވެ.

ރައީސް ޔާމީން އެ ދުވަހު އަމަލުކުރެއްވި ގޮތުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު އެ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން އަމަލުކުރެއްވީ ގައިދީން ގޭބަންދަށް ބަދަލުކުރާއިރު ވެވޭ އިގްރާރާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލާ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.