ސިންގަޕޫރު (17 ސަޕްޓެމްބަރު) - ސިންގަޕޫރުގައި ކޮވިޑް -19 ޖެހޭ މީހުންގެ އަދަދު އިތުރުވެ ބަލި މީހުންގެ ތެރެއިން ގިނަ ބަޔަކު އެ މީހުންގެ ގެތަކުގައި ފަރުވާ ހޯދަން ޖެހިއްޖެ އެވެ.

ސިންްގަޕޫރުގެ ސިއްހީ އިދާރާތަކުން މި ނިންމުން ނިންމާފައިވަނީ ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް މާހިރުން އިންޒާރު ދީފައަިވާ ދަނޑިވަޅެއްގަ އެވެ.

ކޮވިޑްގެ މި ރާޅަކީ ކުރިން ވެސް ކުރިމަތިވެދާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ރާޅެއްކަމަށާއި ކޮވިޑާއެކު ދިރިއުޅެން ދަސްކުރަން ޖެހިފައިވާކަމަށް އެ ގައުމުގެ ހެލްތް މިނިސްޓަރު އޮން ޔޭ ކުން ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑްގެ ހާލަތުގައި ސިންގަޕޫރު ތަފާތުވާ ސަބަބަކީ އެހެން ގައުމުތަކުގައި ކޮވިޑްގެ ރާޅުތައް ކުރިމަތިވެފައިވާއިރު، ސިންގަޕޫރަށް އެފަދަ ރާޅެއް ކުރިމަތިވީ އާބާދީގެ 80 ޕަސަންޓަށް ވުރެ ގިނަ މީހުން ވެކްސިން ޖެހިފަހުން ކަމަށް ވުމުންނެވެ. މިކަމުގެ ސަބަބުން ބަލީގައި ހާލުބޮޑުވާ މީހުންގެ އަދަދު ދެނެގަތުމަށް ދަތިތަކެއް ކުރިމަތި ވެފައިވާ ކަމަށް އޮން ބުނެފައިވެ އެވެ.

ސިންގަޕޫރުގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދާއިރު އެ ގައުމުގެ ކުރިމަގު ބައްޓަން ވެގެންދާނެ ގޮތް ބުނަން ނޭނގޭ ކަމަށް މާހިރުން ބުނެ އެވެ. އެގޮތުން އަދަދުތައް ދަށްވުމުގެ ކުރިން ކިހާ މައްޗަށް އަރައިގެންދާނެ ކަމެއް އަދި ހާލަތު އެންމެ ގޯސްވާއިރު، އެ ގައުމުގެ ސިއްހީ ދާއިރާއަށް ހާލަތު ހިފަހައްޓާލެވޭނެ ކަމަށް ވެސް އަންދާޒާ ކުރާކަށް ނޭނގެ އެވެ.

ދުވާލެއްގެ މައްޗަށް ފެންނަ އަދަދުތައް ދުވަހަކަށް ވުރެ ދުވަހެއް އިތުރުވެ ހާހަކާ ގާތްކޮށްފައިވާއިރު ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

ކޮވިޑާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި އާއްމު ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެނބުމަށް އޮން ވަނީ އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފަ އެވެ. -- ދަ ސްޓްރެއިޓް ޓަރިމްސް