މަނީ ލޯންޑްރިން ދައުވާގެ އިސްތިއުނާފު އަޑުއެހުންތައް ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިޔަށް ނުގެންދިއުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހުށަހެޅި، ހުށަހެޅުން ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.
މިއަދުގެ ޝަރީއަތް ފަށަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ޑޮކްޓަރުންގެ ލިޔެކިއުންތާއި ސިއްހީ ލިޔެކިއުންތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު، މިއަދުގެ ޝަރީއަތް މެންދުރު ފަހުން ކުރިއަށް ނުގެންދަވަން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ޝެޑިއުލް އިން ޖާގަ ނުލިބިއްޖެނަމަ ކުރިއަށް އޮތްތަނުގައި މިމައްސަލައިގެ ޝަރީޢަތް މެންދުރުފަހު ވެސް ކުރިއަށް ގެންދަން ޖެހިދާނެކަމަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ފަސް ވަނަ އަޑުއެހުން މިއަދު ކުރިޔަށް ގެންގޮސްފައިވާއިރު، އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފު ނުކުތާތައް ވަނީ ހުށަހަޅާފަ އެވެ. މިއަދުގެ ޝަރީއަތް ނިންމާލަމުން ފަނޑިޔާރު މަހާޒު ވިދާޅުވީ ދެން ޝަރީއަތެއް އޮންނާނީ ބުރާސްފަތި ދުވަހު ހެނދުނު 9 ޖަހާއިރު ކަމަށާއި އަދި އެދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ނުކުތާތަކަށް ރައްދު ދިނުމުގެ ފުރުސަތު ދައުލަތަށް އޮންނާނެ ކަމަށެވެ.
ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މީގެ ކުރިން ތާވަލު ކުރީ ބައެއް ދުވަސް ދުވަހު ހެނދުނު ތިން ގަޑިއިރުގެ އަޑުއެހުމެއް އަދި މެންދުރުފަހު ދެ ގަޑިއިރުގެ އަޑުއެހުމެއް ބާއްވާ ގޮތަށެވެ.
ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ޔާމީން ލޯންޑާ ކުރެއްވިކަން ސާބިތުވުމުން އިއްވި ފަސް އަހަރުގެ ހުކުމުގެ އިސްތިއުނާފު މައްސަލަ އެވެ.
އެ މައްސަލައިގެ އިސްތިއުނާފު ކުރިއަށްދާއިރު، އިތުރު ރަށެއްގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. އަދި އެމަނިކުފާނު ހިމެނޭ ކަމަށް ބުނާ އިތުރު ރަށްތަކެއްގެ މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކުރަނީ މުޅީން ވެސް ދޮގު ދައުވާ، މީހަކު ދެކެ ހަސަދަ ވެރިވާނީ ދެން މިހާ ވަރަށް.