އެމްއެމްޕީއާރުސީގެ ފައިސާއާ ރައީސް އަބްދުﷲ ޔާމީނާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި ސުޕްރީމް ކޯޓުން އެމަނިކުފާނު މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކުރީގެ މިނިސްޓަރު މިރޭ ވިދާޅުވީ ރައީސް ޔާމީނުގެ އެކައުންޓުތައް ފްރީޒުކުރަން ވަކި މުއްދަތެއް ރާއްޖެ ޓީވީއަށް އަރާވަޑައިގެން ދެއްވީ އޭނާ ކަމަށެވެ. ނަމަވެސް އެ މައުލޫމާތު ސައްހަނުވުމުން އެ މުއްދަތުގައި އެކަންނުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު އޭރު އިނގިރޭސިވިލާތުގައި ތިއްބަވައިގެން އެކި ގައުމުތަކުގެ އެމްބަސީތަކަށް ވަޑައިގެންނެވި ރެކޯޑުތައް މިހާރު ވެސް ހުންނާނެ ކަމަށާއި، އޭރުގެ އިދިކޮޅު ފަރާތްތަކުން އެދިގެން ދުނިޔޭގެ އެންމެ ބޮޑު ދެ ގައުމުގެ ތަހުގީގީ އިދާރާތަކުން އެ މައްސަލަ ތަހުގީގުކުރި ކަމަށާއި، އެމްއެމްޕީއާރުސީގެ އެއްވެސް ފައިސާއެއް ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާވިކަން އެ ތަހުގީގުތަކުން އެނގިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް އެމްއެމްޕީއާރުސީގެ ފައިސާ ޓްރޭސް ކުރެވޭނެ އެއްވެސް ގޮތެއް ދުނިޔޭގެ ބޮޑެތި އިދާރާތަކުން ކުރި ތަހުގީގަކުން ވެސް ނެތް. ޚަތިމުގައި އަތްލާ ހުވާ ކުރަން ވެސް ތައްޔާރު. ރައީސް ޔާމީނުގެ މައްޗަށް އުންސުރު ކީއްކުރަން ފަންސުރު ހަމަކޮށްގެން ވެސް ކުރެވޭނެ ދައުވާއެއް ނޯންނާނެ. އަޅުގަނޑޭ އެ ލެޕްޓޮޕާ ފޯނާ ގެންގޮސް ދިނީ. އަޅުގަނޑުމެންނޭ އެކަންކުރީ،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލްޖަޒީރާއިން އުފެއްދި "ސްޓީލިން ޕެރެޑައިސް" ޑޮކިއުމެންޓްރީއާ ގުޅިގެން އަދީބުގެ ފޯނާއި ލެޕްޓޮޕް ދުނިޔޭގެ ބޮޑު ދެ ގައުމެއްގެ ފެންވަރު ރަނގަޅު ތަހުގީގީ އިދާރާއަކުން ތަހްގީގުކުރި ކަމަށެވެ. އެ ތަހުގީގުން ވެސް ރައީސް ޔާމީނާއި އެމްއެމްޕީއާރްސީގެ ފައިސާއާ ގުޅުވޭނެ ގޮތެއް ނެތް ކަމަށާއި، އަދި މިހާރު ރާއްޖޭގައި ކުރިއަށް މިދާ ޝަރީއަތުން ވެސް އެކަން ރައީސް ޔާމީން ސާބިތު ކޮށްދެއްވައިފި ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އަދި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ފިނިފެންމާ ލޯންޗަށް ދިން ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާ ކަމަށާއި، އެއީ ގޯސް ފައިސާއެއްކަން ރައީސް ޔާމީނަށް އެނގިވަޑައި ނުގަންނަވާނެ ކަމަށާއި، ހޯއްދަވަން އެމަނިކުފާނު އެދިވަޑައިގަތީ އެމަނިކުފާނުގެ އަމިއްލަ ފައިސާތަކެއް ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ފުރަތަމަ އޮތީ ރައީސް ޔާމީން ޖަލަށްލާ ގޮތަކަށް ނޫން ކަމަށާއި އެހެން ނަމަވެސް ޖަލަށް ލާން ނިންމީ ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ބޭއްވި ބޮޑު ތިން ޖަލްސާއާ ގުޅިގެން ކަމަށެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުގެ ތެރެއިންނާއި އެމްޑީޕީގެ ތެރެއިންނާއި ޖޭއެސްސީގެ ތެރެއިން ވެސް ނުފޫޒު ފޯރުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ހައްގު ނޫން އިލްޒާމެއް އެމަނިކުފާނު ރައީސް ސާލިހުގެ އިސްތަށިފުޅަކު ވެސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ވެސް ނާޅުއްވާނެ ކަމަށެވެ.