އޮސްޓްރޭލިއާ އާއެކު އިނގިރޭސިވިލާތާއި އެމެރިކާ، ކުއްލި ގޮތަކަށް ތިން ގައުމު ގުޅިގެން މިލިޓްރީ ގޮތުން އެއްބާރުލުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރި، ކުރުން ވެގެން ދިޔައީ ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ މެދުގައި ކުއްލި ނުތަނަވަސްކަމެއް އުފެދުނު ކަމަކަށެވެ. މި އެއްބަސްވުމަކީ ޗައިނާ އާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ސިލްސިލާގެ ބޮޅެއް ކަމުގައި ވިޔަސް އެއްބަސްވުމުގެ ސަބަބުން އެންމެ ބޮޑު ރުޅިވެރިކަމެއް ފާޅުކުރީ ފްރާންސުންނެވެ. އެކުވެރިން، ބުރަކަށްޓަށް ވަޅި ހަރައިފި ކަމަށް ބުނެ ފްރާންސުން މިހާރު ވަނީ އޮސްޓްރޭލިއާ އާއި އެމެރިކާގައި ތިބޭ ފްރާންސްގެ ސަފީރުން އަނބުރާ ގައުމަށް ގެންނޮސްފަ އެވެ.
ފްރާންސުން ދެކޭ ގޮތުގައި އިނގިރޭސި ވިލާތާ އެމެރިކާއާ އޮސްޓްރޭލިއާ އިން މި އަމަލުކުރީ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ބަޔަކު ކަންތައް ކުރަން ޖެހޭނެ ގޮތަކަށް ނޫނެވެ. އެހެންކަމުން ފްރާންސުން މިހާރު ވަނީ ޔޫރަޕްގެ ސަލާމަތާ ބެހާ އާ ސްޓްރެޓެޖީއެއް އެކުލަވާލަން ޖެހޭނެ ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަންގެ ބޮޑެތި ގައުމުތަކާ އެކު މަޝްވަރާކުރަން ފަށައިފަ އެވެ.
އޯކަސް އެއްބަސްވުމަކީ ކޮބާ؟
އޯކަސްއަކީ ސެޕްޓެމްބަރ 15 ވަނަ ދުވަހު އެމެރިކާ އޮސްޓްރޭލިއާ އާއި ޔޫކޭގެ ވެރިން ވީޑިއޯ ލިންކެއް މެދުވެރިކޮށް އިއުލާންކުރި ތިން ގައުމު ގުޅިފައިވާ ސަލާމަތީ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތާއި އެމެރިކާއިން އޮސްޓްރޭލިއާއަށް ނިއުކްލިއާ ސަބްމެރީންތަކެއް ބަނުމަށް އެހީ ވެދޭނެ އެވެ. އިންޑޯ ޕެސިފިކްގައި ޗައިނާގެ ބާރު މާބޮޑަށް ގަދަވާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުން އޮސްޓްރޭލިޔާގެ މިލިޓަރީ ބާރު ގަދަކުރުމަށް އެހީތެރިވުމަކީ މި އެއްބަސްވުމުގެ މައިގަނޑު ބޭނުން ކަމަށް ބެލެވެ އެވެ.
ފްރާންސް ރުޅި އައީ ކީއްވެ؟
އޮސްޓްރޭލިއާގެ މިލިޓަރީ ބާރު ގަދަކުރުމަށްޓަކައި އެ ގައުމުން ހޯދަން ބޭނުންވި ސަބްމެރީންތަކެއް ބަނުމުގެ ޕްރޮޖެކްޓް 2016 ވަނަ އަހަރު ކާމިޔާބުކުރީ ފްރާންސެވެ. ފްރާންސުން މި ބިޑު ކާމިޔާބުކުރީ ވަރަށް ގިނަ ގައުމުތަކަކާ ވާދަކޮށްގެންނެވެ. ޑީސަލުން ދުއްވާ 12 ސަބްމެރީން ބަނުމަށް 90 ބިލިއަން ޑޮލަރުގެ މި މަޝްރޫއު ކާމިޔާބުކުރުމަށް ފްރާންސުން ލައްކަ ގިނަ ކަންތައް އޮސްޓްރޭލިއާއަށް ކޮށްދީފައި ހުންނާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން ކުރިން އެއްވެސް ވަރެއްގެ އިޝާރާތެއް ވެސް ކޮށްލުމެއް ނެތި މިފަދަ ބޮޑު މަޝްރޫއެއް ކެންސަލް ކޮށްލުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ފްރާންސަށް ގަބޫލެއް ނުކުރެވެ އެވެ.
ފްރާންސްގެ ރައީސް މެނުއަލް މެކްރޮން ވިދާޅުވި ގޮތުގައި އެ ގައުމުން އޮސްޓްރޭލިއާއާއެކު އެތައް ދުވަހަކުން ގާއިމުކުރި ގުޅުމާއި އިތުބާރު އެއްދުވަހުން ވެއްޔާ މޮޑެލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ޔޫރަޕިއަން ޔޫނިއަންގެ ނުތަނަވަސްކަން
ޔޫރަޕިއަން ޔޫނިއަނުން ވެސް ދެކޭ ގޮތުގައި ސަލާމަތީ ގޮތުން ގުޅިގެން އެކުގައި މަސައްކަތް ކުރަމުން އައި ބަޔަކު ވަކިވެގަނެގެން މިބާވަތުގެ ޑީލެއް ހެދުމަކީ ގޯހެކެވެ. އީޔޫގެ ބޭރުގެ ގުޅުން ތަކާބެހޭ އެންމެ އިސް ވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވި ގޮތުގައި މި މުހިންމު އެއްބަސްވުމުގެ ވާހަކަ އޭނާއަށް އެނގިވަޑައިގެންނެވީ ވެސް ޚަބަރުތަކުންނެވެ.
"މި ގުޅުމުގެ ވާހަކަ އަހަރެމެންނަށް އަދި ކިރިޔާ މި އެނގުނީ. އަހަރެމެންގެ އެއްވެސް ރޯލެއް މީގައި ނުހިމެނޭ،" އޯކަސް އެގްރީމެންޓާ ބެހޭގޮތުން ނުތަނަވަސްކަން ފާޅު ކުރައްވަމުން ބޮރެލް ވިދާޅުވި އެވެ.
އީޔޫގެ މޫޑު މިހާރު ހުރި ގޮތަށް ބަލާއިރު ސަލާމަތީ ކަންތަކުގައި އެމެރިކާއަށް އިތުބާރުކުރުމުގެ ބަދަލުގައި އެ ޖަމާއަތުން ވަކި ސްޓްރެޓެޖީއެއްގެ ދަށުން މަސައްކަތްކުރަން ފެށުން ކައިރި އެވެ.
ނިއުކްލިއާ ވިޔަފާރި
ނިއުކްލިއާ ހަތިޔާރަކީ އޭގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު އެއްޗެކެވެ. އެހެން ކަމުން އެ ހަތިޔާރު މިހާތަނަށް ހުރި ގައުމުތަކުން ހަތިޔާރު މަދުކޮށް އާ ގައުމުތަކަށް އެ ޓެކްނޮލޮޖީ ނުލިބޭނޭހެން ކަންތައް ވަނީ ބައްޓަން ކުރެވިފަ އެވެ. ނިއުކްލިއާ ހަތިޔާރު އުފައްދަން އުޅޭކަމާ މެދު ޝައްކުވާ ގައުމަކާ މެދު ވެސް ވަރަށް ހަރުކަށި ފިޔަވަޅުތައް އަޅަ އެވެ. އީރާނާ އުތުރު ކޮރެއާ އަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅެއް ވެސް ގުޅުވަނީ ނިއުކްލިއާ ގާބިލްކަން ހޯދަން މަސައްކަތްކުރުމާ އެވެ. މިހާ ބޮޑަށް ހިފެހެއްޓިފައި އޮތް ނިއުކުލިއާ ޓެކްނޮލޮޖީ ވިޔަފާރީގެ އުސޫލުން ގައުމުތަކަށް ދިނުމަކީ މުސްތަގުބަލުގައި ނިއުކްލިއާ ޓެކްނޮލޮޖީގެ ވިޔަފާރި ކުރުމަށް ކޮށޭ މަގަކަށް ވެސް ވެދާނެ އެވެ.
ހަނގުރާމައެއްގެ ރަނގަބީލު
ވޭތުވެ ދިޔަ 100 ވަރަކަށް އަހަރުގެ ތެރޭގައި ދުނިޔެ ވަނީ ބޮޑު ދެ ހަނގުރާމައެއް ކޮށްފަ އެވެ. ފުރަތަމަ ބޮޑު ހަނގުރާމަ އާއި ދެވަނަ ބޮޑު ހަނގުރާމަ އެވެ. މި ދެ ހަނގުރާމަ ވެސް ފެށުނީ ޔޫރަޕުންނެވެ. ޔޫރަޕް މިއަދު އޮތީ ވަރަށް ބޮޑަށް އެކަތިގަނޑަކަށްވެ، އީޔޫގެ ނަމުގައި އިއްތިހާދެއް ގާއިމު ކޮށްފަ އެވެ.
މި އިއްތިހާދުން އިގްތިސާދީ ރޮނގުން ގުޅިގެން ހިންގާ މުއާމަލާތްތަކުގެ ސަބަބުން އެ އިއްތިހާދުގައި ނުހިމެނޭ ގައުމުތަކަށް އުނދަގޫ އުފުލަން ޖެހެ އެވެ. އީޔޫ ވަކި ދައުލަތެއްގެ ގޮތުގައި ތަރައްގީވަމުން އަންނަ ކަމުގައި އުފުލެމުން ދިޔަ އަޑުތައް ގަދަވެ އެ އިއްތިހާދުން އިނގިރޭސިވިލާތް މިހާރު މިވަނީ ވަކިވެގެންފަ އެވެ. އިނގިރޭސިވިލާތެކޭ އެއްފަދައިން ޔޫރަޕިއަން ޔޫނިއަންގެ މުއާމަލާތްތަކަށް ފާޑުކިޔާ ގައުމެއް ކަމަށްވާ އެމެރިކާ ވެސް ވެ އެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ޔޫރަޕިއަން ޔޫނިއަންއަށް ފާޅުގައި ފާޑު ވިދާޅުވި ބޭފުޅެކެވެ.
ކަން މިހެން އޮތް އިރު އީޔޫގައި ނުހިމެނޭ ދޭގައުމު ކަމަށްވާ އިނގިރޭސިވިލާތާއި އެމެރިކާއިން އޮސްޓްރޭލިއާ އާއެކު ދިފާއީ އިއްތިހާދެއް ހެދުމަކީ ޔޫރަޕިއަން ޔޫނިއަން އެކަމާ ވިސްނަން ޖެހުނު ކަމެކެވެ. އެހެން ކަމުން ފްރާންސުން މިހާރު ބުނަމުން ދަނީ ޔޫރަޕްގެ ސަލާމަތަށް ނޭޓޯއަށް ބަރޯސާވުމުގެ ބަދަލުގައި އެ އިއްތިހާދުގެ އަމިއްލަ ދިފާއީ ސްޓރެޓެޖީއެއް ރާވަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.
ފްރާންސްގެ ރައީސް މިކަމާ ގުޅޭ މަޝްވަރާ ޖަރުމަނުގެ ޗާންސެލަރާއެކު މިހާރު ވެސް ވަނީ ފަށްޓަވާފަ އެވެ. އިތުބާރުގެ މައްސަލައިގައި އީޔޫއާ އެމެރިކާއާ ދެމެދު އުފެދޭ ނުތަނަވަސްކަމުން ހަނގުރާމައެއްގެ އަލިފާން ރޯވެގަންނާނީ ކޮންއިރަކު ކިހިނެއްކަން ލަފަކޮށްލަން ނޭނގުނު ކަމުގައި ވިޔަސް އެއީ ނުވާނެ ކަމެއް ކަމުގައި ވެސް ބެލެވޭކަށް ނެތެވެ.
މައްސަލައިގެ ޚުލާސާ
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެ ކޮންޓްރޯލް ކުރާ ބާރުތަކަކީ އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތެވެ. ފާއިތުވެ ދިޔަ 40 ވަރަކަށް އަހަރު ތެރޭގައި ދުނިޔާގެ އިގުތިސާދަށް އައި ބަދަލުތަކާއެކު ކުރިން ފަގީރު ގައުމުތައް މުއްސަނދިވެ، ކުރިން މުއްސަނދި ގައުމުތައް އެ މީހުންގެ މުއްސަނދިކަން ދެމެހެއްޓުމަށް އާ ގޮތްތަކެއް ހޯދަން ޖެހުނެވެ.
އެންމެ ބާރު ސްޕީޑެއްގައި ކުރިއަރައިގެން ދިޔަ ގައުމަކީ ޗައިނާ އެވެ. އިގުތިސާދީ ގޮތުން ލިބުނު ކުރިއެރުމާއެކު މިލިޓަރީ ގާބިލުކަން ވެސް ޗައިނާއިން ދަނީ އިތުރު ކުރަމުންނެވެ. މިކަމަކީ ދުނިޔޭގެ ބޮޑެތި ބާރުތަކަށް ގަބޫލުކުރަން ފަސޭހަ ކަމަކަށް ނުވެ އެވެ. އެހެންކަމުން ޗައިނާއާ ކުރިމަތިލުމަށް އެމެރިކާއާއި ހުޅަނގުން އައީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
އެ މަސައްކަތުގެ ތެރެއަށް އޮސްޓްރޭލިއާ ވެއްދުމުގެ މަސައްކަތަކީ ވެސް ދާދި ފަހަކާ ޖެހެންދެން އެންމެން ގުޅިގެން ކުރަމުން އައި ކަމެކެވެ. އެހެން ނަމަވެސް އެންމެ ފަހު ވަގުތު ފްރާންސް ބާކީކޮށް އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން އޮސްޓްރޭލިއާ އާއެކު ހެދި އެއްބަސްވުމަކީ ހަގީގަތުގައި އޮސްޓްރޭލިއާއަށް ވެސް އުނދަގޫތަކަކާ ކުރިމަތި ވާނެ އެއްބަސް ވުމެކެވެ. ފްރާންސުން ބުނަނީ އެ މީހުންގެ އަތުގައި އޮސްޓްރޭލިއާ އާއެކު ކުރެވިފައިވާ އެގްރިމެންޓެއް އެބައޮތް ކަމަށެވެ.