ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލުމާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި އެމަނިކުފާނަށް ކަނޑައެޅި އަދަބުގެ މިންވަރާ މެދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދައުލަތާ މިއަދު ސުވާލުތައް އަމާޒު ކުރައްވައިފި އެވެ.

ޔާމީން ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަހަރު ކުރީކޮޅު ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލާގެ އަޑުއެހުންތައް އެ ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ މަނީ ލޯންޑްރިންގެ ކުށަށް އޮންނަ ޖަލު ހުކުމުގެ އަދަބުގެ އެންމެ ލުއި އަދަބު ދިނުމަށް ފަހު ޖޫރިމަނާގެ އެންމެ ބޮޑު އަދަބެއް ޔާމީންގެ މައްޗަށް ކަނޑައެޅީ ކީއްވެގެންތޯ ވިދާޅުވެ، ސުވާލު އުފައްދަވައިފަ އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އެންމެ ކުޑަ ޖަލު ހުކުމުގެ އަދަބު ކަނޑައެޅީ އެއީ ޔާމީންގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ކަމަށްވާތީ ކަމަށެވެ. އަދި ޖޫރިމަނާގެ އެންމެ ބޮޑު އަދަބު ކަނޑައެޅީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހިމެނޭ މައްސަލައަކަށް ވާތީ ކަމަށް ދައުލަތުން ބުންޏެވެ. އަދި އަދަބު ކަނޑައެޅުމަކީ ފަނޑިޔާރުންގެ އިހްތިޔާރުގައި އޮންނަ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ.

އެހެން ނަމަވެސް ފަނޑިޔާރު މަހާޒް ވިދާޅުވީ ޖަލު ހުކުމުގެ އެންމެ މަތީ އަދަބު ދެވެން އޮއްވާ އޭގެ އެންމެ ލުއި އަދަބު ކަނޑައެޅުމަށް ފަހު ޖޫރިމަނާގެ ބޮޑު އަދަބެއް އައި ގޮތެއް އަދިވެސް ސާފުނުވާ ކަމަށެވެ. އަދި އަދަބު ކަނޑައެޅުމަކީ ފަނޑިޔާރުންގެ އިހްތިޔާރަކަށް ވިޔަސް، އެ ނިންމުން ދައުލަތުން ދިފާއު ކުރާ ނަމަ، އެ ނިންމުން ރަނގަޅުވީ ގޮތެއް ދައުލަތުން ބުނެދޭން ފަނޑިޔާރު މަހާޒް އެދިވަޑައިގަތެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އެކަން ސާފުކޮށްދޭން ފަނޑިޔާރުންގެ ބެންޗުން ދައުލަތަށް އެންގެވި އެވެ.

މިއަދުގެ އަޑުއެހުމުގައި ކުރިއަށް ދިޔައީ ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ޖަވާބު ދިނުމެވެ. ދައުލަތުން ބުނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށާއި އެ ފައިސާއާ މެދު ޝައްކު އުފެދުމުން ފުދޭނެ ކަމަށެވެ. އަދި އެ ފައިސާއާ މެދު ޝައްކު އުފެދުނު ކަން ޔާމީނަށް އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ސާބިތުކޮށްދެވިފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ތަހުގީގުގައި ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ނުކުރާ ކަމަށް ބުންޏަސް، އެ ތުހުމަތު ކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރެވޭނީ ހައި ކޯޓުގެ ނިންމުމުގައި ގާނޫނާ ޚިލާފް ކަންތައްތަކެއް ހުރި ނަމަ އެކަން ފާހަގަ ކުރުމަށް ފަހު ކަމަށާއި އެކަމަކު ޔާމީންގެ ފަރާތުން އެފަދަ ކަމެއް ހުށަހަޅާފައި ނެތް ކަމަށް ދައުލަތުން ބުންޏެވެ. އަދި ބައެއް ނުކުތާތަކަށް ދައުލަތުން ރައްދު ދޭން ބޭނުންނުވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒްގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.