ލޯބިވާ މީހަކަށް ލޯބިވާ މިންވަަރު އަންގައިދޭން އެންމެ މޮޅު ގޮތަކީ ކޮބާ ހެއްޔެވެ؟ ދަރިއަކަށް އޭނާއާ މެދު ފަޚުރުވެރިވާކަން އަންގައިދޭން ހަދާނީ ކިހިނެއް ހެއްޔެވެ؟ ރަހުމަތްތެރިޔަކަށް އޭނާގެ ކައިވެނީގެ ތަހުނިޔާ ތަފާތު ގޮތަކަށް ކިޔާނީ ކިހިނެއް ހެއްޔެވެ؟

ހަމައެކަނި ބުނާ ބަހަކުން ތިބާގެ އިހުސާސްތައް އަނެކާއަށް ނުފެނިދާނެ އެވެ. ބުނެ އުޅެ އެވެ. ބުނާ ބަހަކަށް ވުރެ ކުރާ ކަމަކުން އެތައް ހާސް ވާހަކައެއް ކިޔައިދެ އެވެ. އެހެން ކަމަށްވީއިރު ތިބާގެ ހަޔާތުގެ މުހިއްމު ފަރާތްތަކަށް ތިބާގެ އިހުސާސްތައް އަންގައިދޭން ބުނެލާ ބަހަކަށް ވުރެ މާނަފުން ކަމެއް ކޮށްލުން ރަނގަޅުވާނެ އެވެ.

މަރިޔަމް އިނާ މާޖިދު 23، އާއްމު ނަމުންނަމަ އިނޫއަކީ މިކަމުގައި ދިވެހިންނަށް އެހީވެދޭ ޒުވާނެކެވެ. ކޭކް ކޮންފެޝަންގެ ނަމުގައި އިނޫ ހިންގާ ޕޭޖުން ފެންނަ ކޮންމެ ކޭކަކުން ވެސް ތަފާތު ވާހަކަ އެއް ބުނެދެ އެވެ. ހިތުގެ އިހުސާސްތައް ރީތި ކޭކެއްގެ ސިފައިގައި ކިޔައިދެ އެވެ.

https://www.instagram.com/p/CTjFOwYpga8/?utm_medium=copy_link

އިނޫއަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް އާ ނަމަކަށް ނުވެދާނެ އެވެ. ޓީވީއާ ރައްޓެހި ދިވެހިންނަށް އިނޫއަކީ ދެކެފަރިތަ މޫނަކަށް ވާނެ އެވެ. ،ރާއްޖޭގެ ނަން ހިނގާ ޓީވީ ޗެނަލްއެއްގެ ނޫސްވެރިއެއްގެ ގޮތުގައި އޭނާ ވަނީ މީގެ ކުރިން އޭނާގެ ހުނަރު ދައްކާފަ އެވެ.

ނޫސްވެރިކަމުގެ ދިރިއުޅުން ދޫކޮށް އިނޫ ފެށި އާ ދިރިއުޅުމުގެ އެންމެ ބޮޑު ހިއްސާއަކީ ކޭކް ކޮންފެޝަންގެ ނަމުގައި އޭނާ ފެށި ކޭކް ވިޔަފާރި އެވެ. ކޭކް ކޮންފެޝަންއަކީ މިއަދު ދިވެހިންގެ ތެރޭގައި މަގުބޫލު ވިޔަފާރިއަކަށް ވާއިރު އެ ވިޔަފާރި މިއަދު އޮތް ހިސާބަށް ގެނައުމުގައި އިނޫ ދެއްކީ ގަދަ ހިތްވަރެކެވެ. ނުގުޑާ ފަަދަ އަޒުމެކެވެ.

"ރައްޓެހިންނަށް އެންމެ ފުރަތަމަ ކޭކު އަޅައިދޭން ފެށީ. ދެން ލިބުނު ރެސްޕޮންސް ރަނގަޅުވީމަ ވިޔަފާރިއެއްގެ ގޮތުގައި މިކަން ކުރަން ނިންމީ،" އިނޫ ބުންޏެވެ.

https://www.instagram.com/p/CSOusJzpSKx/?utm_medium=copy_link

ކޭކް ކޮންފެޝަންގެ ފެށުމަށް ބަލާލާއިރު ޖެހިލަން ޖެހެނީ މީގެ ދެ އަހަރު ކުރިއަށެވެ. ރައްޓެހިންނާއި ތިމާގެ މީހުންނަށް ކޭކު އަޅައިދިނުމުގެ ތެރެއިން ފެށުނު އެ ވިޔަފާރި އެންމެ ފުރަތަމަ ފެށުނީ ވަރަށް އާދައިގެ ގޮތަކަށެވެ. ލިބިފައިވާ ކުޑަ ތަމްރީނާއެކު ކޭކު އަޅަން ފެށިއިރު އިނޫގެ އަތުގައި އޮތީ ހަމައެކަނި ހުވަފެނެކެވެ. މި ދާއިރާއިން ކާމިޔާބު ހޯދަން އޭނާ ދެކުނު ހުވަފެނެވެ.

އޭގެ ދެ އަހަރު ފަހުން މިއަދު އިނޫއަކީ ކޭކު އެޅުމުގެ ދާއިރާގައި އޭނާގެ ހުނަރު ދައްކައިދެމުން އަންނަ ކުޅަދާނަ ޒުވާނެކެވެ. ހަގު އުމުރާއެކު ވެސް އެ ދާއިރާގައި މަސައްކަތްކުރަމުން އަންނަ އެހެން މީހުންނާ އެއްހަމައެއްގައި ފައިތިލަ ސާބިތު ކުރަމުން އަންނަ "ހޯމް ބޭކާ" އެކެވެ.

ކޭކު އެޅުމުގެ ތެރެއިން އިނޫ ދަނީ ގިނަ ބަޔަކަށް އުފާވެރިކަން ގެނެސްދެމުންނެވެ. މިހާތަނަށް އައިއިރު ގިނަ ބައެއްގެ ތައުރީފާއި ޕޮޒިޓިވް ކޮމެންޓްތައް އިނޫއަށް ލިބިފައި ވާއިރު ކަސްޓަމަރުން އޭނާގެ މަސައްކަތާ މެދު ހިތްހަމަ ޖެހުމަކީ މިކަމުގައި އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލެވެ.

https://www.instagram.com/p/CRLrPJhJ6n0/?utm_medium=copy_link

"ނެގެޓިވް ކޮމެންޓްތައް ވެސް ލިބޭ. އެކަމަކު އެ ކޮމެންޓްތައް ނަގަނީ މަސައްކތް ރަނގަޅު ކުރަން ލިބޭ ފުރުސަތެއްގެ ގޮތުގައި،" އިނޫ ބުންޏެވެ.

ސަރުކާރުގެ ޒިންމާދާރު ވަޒީފާއެއްގައި މިހާރު ވެސް ވަޒީފާ އަދާކުރާ އިނޫއަށް އޭނާގެ މަސައްކަތުގައި ކުރިއަށް ދިއުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވަގުތުގެ ދަތިކަމެވެ. ފުލް ޓައިމް ވަޒީފާއެއްގައި އުޅެމުން ބޭނުންވާ ވަރަށް ކޭކު އެޅުމުގެ މަސައްކަތަށް ވަގުތު ނުދެވޭ ކަމަށް އިނޫ ބުންޏެވެ.

"ޓްރައި ކުރަން ބޭނުންވާ ވަރަށް ގިނަ ކޭކް ރެސިޕީތައް ވެސް ހުރޭ. އެކަމަކު ވަގުތުގެ ދަތިކަމުން އެއެއްޗެހި ބޭނުމެއް ނުކުރެވޭ،" އޭނާ ބުންޏެވެ.

https://www.instagram.com/p/CJ-2_0ipuWx/?utm_medium=copy_link

ގޮންޖެހުން ތަކާއެކު ވެސް އިނޫގެ އަމާޒު އޮތީ ކުރިއަށެވެ. މުސްތަގުބަލުގައި މިއަށްވުރެ ފުޅާ ދާއިރާއެއްގައި ކޭކު އެޅުމުގެ ވިޔަފާރި ކުރުމަކީ އިނޫގެ ހުވަފެނެވެ. ފުރުސަތު ލިބިއްޖެނަމަ މި ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަން ވެސް އޭނާ ހުރީ ތައްޔާރަށެވެ.

ކޭކު އެޅުމުގެ މަސައްކަތުގައި ކުރިއަށް ދިއުމަށް އިނޫއަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ އާއިލާއާއި ރަހުމަތްތެރިންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަމެވެ. އެގޮތުން އޭނާގެ މައިންބަފައިންނާއި ފިރިމީހާގެ ނަން އިނޫ ފާހަގަ ކުރީ ޝުުކުރުވެރި ކަމާއެކުގަ އެވެ.

"ވަރަށް ބޮޑު ހެލްޕެއް ލިބޭ މައިންބަފައިންނާ ފިރިމީހާގެ ފަރާތުން. އެއީ ލިބޭ ބޮޑު ހިތްވަރެއް،" އިނޫ ބުންޏެވެ

https://www.instagram.com/p/CPlRz-4J6Ny/?utm_medium=copy_link

އިނޫ ފަދަ ކޭކު އަދި ޕޭސްޓްރީ ޝެފުން ރާއްޖޭގައި އަންނަނީ ގިނަ ވަމުންނެވެ. މިދާއިރާއަށް އަލަށް ނުކުންނަ ކުދިންނަށް އިނޫ ދޭން އޮތް މެސެޖު ވަރަށް ސާފެވެ. ފުރަތަމަ ފަހަރުން އެންމެ މޮޅު ކޭކު ނޭޅިދާނެ އެވެ. އެކަމަށްޓަކައި ކެތްތެރިކަމާއި ހިތްވަރު ބޭނުންވާނެ އެވެ. ނަމަވެސް ހުއްޓުމެއް ނެތި ކުރިއަށް ގޮސްފި ނަމަ ކާމިޔާބު ވާނެ އެވެ.

"އެންމެ ފަހަރަކުން ރީތި ކޭކެއް ނޭޅިދާނެ، އިނޫއަށް ވެސް ބައިވަރު އުނދަގޫތަކާ ކުރިމަތިވި. އެކަމަކު މަސައްކަތް ކޮށްގެން ރަނގަޅު ކުރެވޭނެ،" އިނޫ ބުންޏެވެ.

އިނޫއަށް އެދެނީ އިތުރު ކާމިޔާބީއަށެވެ. ތިޔަ ކުރާ ހިތްވަރަކީ އެހެން މީހުންނަށް ހުރި މިސާލަކަށްވާނެ އެވެ.