ސިންގަޕޫރު (25 ސެޕްޓެމްބަރު) - ސިންގަޕޫރުގައި ކޮވިޑް 19ގެ ކޭސްތައް އިތުރުވަމުން ދާތީ މިމަހު 27ން ފެށިގެން އެ ގައުމުގައި އަޅާފައިވާ ކޮވިޑްގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން އެ ގައުމުން ނިންމައިފި އެވެ.

ސިންގަޕޫރުގެ މިނިސްޓްރީ އޮފް ހެލްތުން ބުނެފައި ވަނީ މިހާރު ފެތުރޭ މިންވަރަށް ބަލި ފެތުރުން ކުރިއަށް ދާނަމަ ކުރިއަށް އޮތް ހަފްތާ ތެރޭގައި އެ ގައުމުން ދުވާލެއްގެ މައްޗަށް ކޮވިޑް ކޭސްތައް ފެންނަ އަދަދު 3،200ން މައްޗަށް އަރާނެ ކަމަށެވެ.

މި ސަބަބަށްޓަކައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަންނަ ހޯމަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހާ ހަމައަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަން ވަނީ ނިންމާފަ އެވެ.

މި ބަދަލުތަކުގެ ދަށުން އާއްމު ތަންތަނުގައި އެއްކޮށް އެއްވެ އުޅެވޭ މީހުންގެ އަދަދު ވަނީ ފަހަކުން ދޭކަށް ދަށްކޮށްފަ އެވެ. އަދި ހަމަ އެއާއެކު ސަރުކާރާއި އަމިއްލަ ތަންތަނުގެ ވަޒީފާގައި އުޅޭ މީހުން ވެސް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހެދުމަށް ހެލްތު މނިސްޓްރީން ވަނީ ވަޒީފާ ދޭ ފަރާތްތަކަށް އިލްތިމާސް ކޮށްފަ އެވެ.

މީގެ އިތުރުން ޕްރައިމަރީ ގްރޭޑްތަކުން ފެށިގެން ދަށުގެ ގްރޭޑްތަކުގެ ކިޔެވުން އޮންލައިން ކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު ވެކްސިންގެ ތިންވަނަ ޑޯޒް ދޭ އުމުރުފުރާ އިތުރު ކުރުން ވެސް އަލަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެއާއެކު އުމުރުން 60 އަހަރުން މަތީގެ މީހުން ދީނީ ކަންކަމުގައި ބޭރަށް ދިއުން މަދުކުރަން ލަފާ ދިނުމުގެ އިތުރުން ޓެކްސީތަކުގައި ގިނަވެގެން ދަތުރު ކުރެވޭނީ ދެ މީހުންނަށް ކަމަށްވެސް ހެލްތު މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

ސިންގަޕޫރަކީ ކޮވިޑް 19ގެ ހާލަތު ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައި އޮތުމަށްފަހު ހާލަތު ގޯސް ވަމުންދާ ގައުމެކެވެ. -- ދަ ސްޓްރެއިޓް ޓައިމްސް