ރައީސް ޔާމީންގެ ހިންގުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ނެރުއްވާފައިވާ ނަތީޖާ މިއަދު މި ސަރުކާރުން ވެސް މިއަދު ގަބޫލުކޮށްފި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ.

ރައީސް އަބްދުﷲ ޔާމީންގެ ހިންގުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ނެރުއްވާފައިވާ ނަތީޖާ މިއަދު މި ސަރުކާރުން ވެސް މިއަދު ގަބޫލުކޮށްފި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ޒައާމަތުގައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި ބިނާކުރެއްވި ސަލްމާން މިސްކިތަށް އިޝާރާތްކުރައްވައި އާދަމް ޝަރީފް ވިދާޅުވީ މާލޭގެ މަލަމަތި ބަދަލު ކޮށްލާވަރުގެ، މާލޭގެ ތަސައްވުރު ބަދަލުކޮށްލާވަރުގެ ބިނާއެއް ރައީސް ޔާމީން އަޅުއްވާ ދެއްވިކަން މިސަރުކާރުން ވެސް މިއޮތީ މިއަދު ގަބޫލުކޮށްފައި ކަމަށެވެ.

"ހުކުރު ދުވަހުގެ ރޭ ހޮޓެލް ޖެންގައި އޮތް ސައުދީ އަރަބިއްޔާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އޮތް ރަސްމިއްޔާތަކަށް އަޅުގަނޑު ވެސް ދިޔައިން. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިފާއީ ވަޒީރު ވިދާޅުވަނީ ސަލްމާން މިސްކިތަކީ މާލޭގައި ހުރި އެންމެ ބޮޑު އިސްލާމީ ބިނާކަމަށް ވެގެންދާނެއޭ. އެ މިސްކިތް ހުޅުވުމުން މާލޭގެ މަލަމަތި ބަދަލުވެގެން ދާނެއޭ. އެއީ ރާއްޖޭގައި ހުރި އެންމެ ވަރުގަދަ އިސްލާމީ އެއް ބިނާއޭ. އަޅުގަނޑު މިރޭ ދަންނަވާލާން ބޭނުން ރައީސް ޔާމީން އަބްދުލްގައްޔޫމަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ،'' އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން އާދަމް ޝަރީފް ވިދާޅުވީ ވެރިކަމުގައި މިއަދު އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރޭގައި އިސްލާމްދީނަށް ހަޖޫޖަހާ ރަސޫލާއަށް ޖޯކު ޖަހާ މިކަހަލަ އެތައް ކަމެއް ކުރި ބަޔަކު އެބަތިބި ކަމަށެވެ. އަދި މިއަދަކު ރާއްޖެއަކުން އިސްލާމީ ޝިއާރު އުފުލުމަށްޓަކައި މަސައްކަތްކުރާތަނެއް ނުފެންނަ ކަމަށާއި މިއަދު ފެންނަމުންދަނީ ހަރުކަށީގެ މައްޗަށް މަޑުކަށި އިތުރުކުރެވޭތޯ މަސައްކަތްކުރަމުންދާ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެތައް މިސްކިތެއް އެބަހުރި ހުޅުވަން ނުކެރިފައި. މިސްކިތްތަކުގައި ފާހިޝް ޢަމަލުތައް ހިންގާ މިންވަރު އިތުރުވަމުންދާތީ ދަންނަ ބޭކަލުން ޝައިހުން ވަރަށް ކަންބޮޑުވެގެން އެބައުޅުއްވާ. ކާކުތޯ އެކަމާ ކަންބޮޑުވެގެން އުޅުއްވަނީ. ރ. އަތޮޅުގެ ފަހުރުވެރި ދަރިއެއް ކަމުގައިވާ ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ހެދި އިމާރާތް އަދިވެސް ހުޅުވާކަށް ނޫޅޭ. ސަލްމާން މިސްކިތް ހުޅުވާލަން ވެސް ކެރިވަޑައިނުގެން އުޅުއްވަނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ތެރޭގައި އޮތް އެންމެ ކަންބޮޑުވުން އޮތް މައްސަލައަކީ އަޅުގަނޑުމެންގެ މިނިވަންކަމާ ސިޔާދަތު ގެއްލުވާޅަން ކުރެވޭ މަސައްކަތް."

ގައުމުގެ ސިޔާދަތު ނަގާލަން މަސައްކަތް ކުރަމުން މިއަދުވެސް އެދަނީ ރައީސް ޔާމީންގެ ސަރުކާރުގައި ވެސް މި ގައުމުގެ ސިޔާދަތު ގެއްލުވާލުމަށް އަސްކަރީން މިގައުމަށް އެރުމަށް ގޮވާލި ބަޔަކު ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ހާލަތުގައި އެތައް މިލިއަން ހަރަދުކޮށްގެން ގެންނަން އުޅުނު ވެންޓިލޭޓަރު ވެސް ނުގެނެވުނު ކަމަށާއި އެކަން ކުރި މީހުން އިންސާފުގެ ދަރުބާރަށް ވެސް ހާޒިރު ނުކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރަންސް ޕޮލިސީ ވަނީ ފެއިލްވެފައި ކަމަށާއި ވަގުގައި ވަގު ހިފާފައިވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ވިސްނުންފުޅުގައި ޒުވާނުންނަކީ ގައުމުގެ ދިރުން ގައުމީ ތަރައްގީގެ ހަކަތަ. ޒުވާނުންނަކީ ގަދަރުވެރި އަބުރުވެރި ބައެއް. ޒުވާނުން ކައިބޮއެ ހަދަންޖެހޭނީކީ ގޮނޑު ހޮވައިގެންނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ޒަޢާމަތުގައި އެއްލައްކަ ވަޒީފާ އުފެއްދެވީ އެހެންވެގެން ކަމަށާއި ކުދި އަދި މެދުފަންތީގެ ލޯނު ދެއްވާ ޒުވާނުންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދެއްވާ އެތައް ހާސް ސްކޮލާޝިޕްގެ ފުރުސަތުތައް ފަހިކޮށްދެއްވީ ރައީސް ޔާމީނަކީ ޒުވާނުންގެ ވެސް ރައީސަށް ވީތީ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަޙް ބަދަލުކޮށް ޑިމޮކްރެސީގެ ނިޒާމު ގެނައުމުގައި އެންމެ ފުރިހަމަ މަސައްކަތްޕުޅު ތަކެއް ކުރެއްވީ ރައީސް ޔާމީން ކަމަށެވެ. އެއްވެސް ޕާޓީއެއްގައި ނެތްވަރުގެ ވަރުގަދަ ސިޔާސީ ލީޑަރުން ކޯލިޝަންގައި އެބަތިބި ކަމަށާއި ނަމަވެސް އެ ސިޔާސީ ލީޑަރުން ލީޑަރުންނަށް ހައްދަވާދެއްވީ ރައީސް ޔާމީން ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައީސް ޔާމީނަކީ މިގައުމުގައި ސިޔާސީ ލީޑަރުން އުފެއްދެވި ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.