ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓާ ދިމާލަށް އަންހެނަކު، ކުޑަކުއްޖަކު އޭނާގެ ކޮނޑުގައި އުފުލާލައިގެންދާ މަންޒަރު ސޯޝަލް މީޑިއާގައި އާންމުވުމުން ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވި އެ ވީޑިއޯގައި ފެންނަނީ އަންހެނަކު ހިޔާ ފްލެޓާ ދިމާލަށް އަންހެނަކު އޭނާގެ ކޮނޑަށް ކުއްޖާ އަރުވައިގެން ވަކި ހިސާބަކަށް ދާ މަންޒަރު ފެނެ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ކުޑަ ކުއްޖަކީ މާލޭގެ ސްކޫލެއްގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. ހިޔާ ފްލެޓުތައް ހުންނަ ހުޅުމާލެ ފޭސް ދެއެއްގެ ވަކި ހިސާބަކަށް އެ އަންހެން މީހާ ގޮސް ދަރިފުޅު ކޮނޑުން ބާލާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.

މި ވީޑިއޯގާއި ގުޅިގެން ހިޔާ ފްލެޓްތައް ރައްޔިތުންނަށް ދިން ކަމުގައި ވިޔަސް، އެ ސަރަހައްދުގައި އަސާސީ ހިދުމަތްތައް ނުދޭތީ ސަރުކާރަށް އަންނަނީ ގިނަ ބަޔަކު ފާޑު ކިޔަމުންނެވެ.

އެ ދެމައިން ފްލެޓާ ދިމާލަށްދާ ވީޑިއޯ އާންމުކޮށް އެ ދެމައިން ހޯދުމަށް ހިޔާ ޔޫނިއަނުން އެހީއަށް އެދުނެވެ. އެ މީހުން ހޯދަމުން އަންނަނީ އެ މީހުންނަށް ޔޫނިއަންގެ ފަރާތުން ވެވެން އޮތް އެހީތެރިކަމެއް ވުމުގެ ގޮތުން ކަމަށް އެ ޔޫނިއަނުން ބުންޏެވެ.

އެ ވީޑިއޯ އާންމުވުމާ އެކު ހިޔާ ޔޫނިއަނުން ވަނީ އެ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށިއިރު ވެސް ބަހުގެ ހިދުމަތް އަދިވެސް ފަށާފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހިޔާ ފްލެޓުތަކަކީ 40،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެން ތައްޔާރުވަމުން އަންނަ ތަނަކަށް ވާއިރު ކޮންމެ މީހެއްގެ އަތުގައި އެއްގަމު އުޅަނދެއް ނުހުރެދާނެ އެވެ. އެހެން ކަމުން އެފަދަ ފަރާތްތަކަށް ބަހުގެ ހިދުމަތް ދިނުމަކީ އެ ފްލެޓްތަކުގައި ދިރިއުޅެމުން އަންނަ މީހުންގެ އަސާސީ ހައްގެކެވެ. އެހެން ނަމަވެސް މިހާތަށް އައިރުވެސް އެ ސަރަހައްދަށް އަދިވެސް ބަހުގެ ހިދުމަތް ދޭން ފަށާފައެއް ނުވެ އެވެ.

ފްލެޓުތަކުގެ އެތެރޭގެ މަސައްކަތް ނުނިންމާ އެތަން ހަވާލުކުރުމުގެ އިތުރުން ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އަސާސީ އެއްވެސް ހިދުމަތެއް ލިބެން ނެތުމަކީ ފްލެޓް ލިބުނު ރައްޔިތުންނާ މެދު ސަރުކާރުން އިހުމާލުވުން ކަމަށް ފްލެޓް މައްސަލާގައި އަޑު އުފުލާ އާންމުންގެ އެކުވެރި ގުޅުމުން ބުންޏެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް. މިތަނުން ފްލެޓް ލިބުނު ބައެއް މީހުން ވަނީ ދިރިއުޅެން ފަށާފައި. ފޮޓޯ: އަބްދުﷲ ޖަމީލް | ހުރިހާ

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ފްލެޓްތަކުގައި މިހާރު ބައެއް އާއިލާތަކުން ދިރިއުޅެން ފަށާފައިވާއިރު އެސަރަހައްދުގައި އަސާސީ ހިދުމަތް ނުފަށާތީ އެކަމާ ސުވާލު ކުރުމުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އުޒުރު ދެއްކުން ފިޔަވައި އިތުރު ކަމެއް ނުކުރެވެ އެވެ. އެހެން ނޫނީ ކުރީގެ ސަރުކާރުން މިވެނި ކަމެއް އެހެން ކޮށްފައި އޮތުވުން ބުނުން ފިޔަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރަށް ކުރެވުނު ކަމެއް ނެތެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ދިނުމަށްވެސް ސަރުކާރުން އެކި އުޒުރު ދައްކާފައިވާއިރު އޭރު ރައީސް ސޯލިހުގެ ސަރުކާރުން ބުނަމުން ދިޔައީ އެއީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ. އަދި އެތަނަށް ބަޔަކު ދިރިއުޅެން ނުދާނެ ކަމަށް ވެސް ސަރުކާރުން ދިޔައީ ބުނަމުންނެވެ.

ހިޔާ ފްލެޓްތަކަކީ ކޮތަރު ކޮށިތަކެއް ކަމަށް ބުނުން ފިޔަވައި އެސަރައްދުގައި އަސާސީ ހިދުމަތް ދިނުމަށް އޭރުން ފެށިގެން ކުރިނަމަ މިހާރު އެސަރަހއްދުގައި އަސާސީ ހިދުމަތް ލިބެން ހުންނާނެ ކަމަށްވެސް ގިނަ ބަޔަކު ބުނަމުންދެ އެވެ.

ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން މިހާރު ފަށާފައިވާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ އާއްމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާތައް ކޮންމެ ދުވަހަކު ވެސް އަންނަނީ ފުނިޖެހެމުންނެވެ. އެހެން ނަމަވެސް މިސަރުކާރުން ކުރީގެ ސަރުކާރު ބޮލުގައި އެމައްސަލަތައް އއެޅުވުން ފިޔަވައި އިތުރު ކަމެއް ކުރެވުނުތަނެއް އަދިފެނިފައެއް ނުވެ އެވެ.