ފްލޮރިޑާ (02 އޮކްޓޯބަރު) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަސްޕެންޑް ކޮށްފައިވާ ޓުވިޓާ އެކައުންޓް އަލުން ބޭނުންކުރުމަށް އަމުރެއް ނެރެދިނުމަށް އެދި ފްލޮރިޑާގެ ފެޑެރަލް ޖަޖަކަށް މައްސަލައެއް ހުށައަޅައިފި އެވެ.
ގާނޫނުތަކާ ޚިލާފަށް ކޮންޒަވޭޓިވް ވިސްނުންތައް އެކަހެރިކުރަން މަސައްކަތް ކުރާ ކަމަށް ބުނެ ޓްރަމްޕް ވަނީ ޓުވިޓާގެ އިތުރުން ފޭސްބުކް އާއި ގޫގުލް އަދި އެކުންފުނިތަކުގެ ވެރިންނާ ދެކޮޅަށް ކޯޓަށް ގޮސްފަ އެވެ.
ޓުވިޓާ އެކައުންޓް ރީއެކްޓިވޭޓް ކުރުމަށް ޓްރަމްޕްގެ ޓީމުން ހުށައެޅި ރިޕޯޓުގައި ބުނެފައި ވަނީ ޖެނުއަރީ މަހު ޓްރަމްޕްގެ އެކައުންޓު ސަސްޕެންޑް ކުރެވުނީ ކޮންގްރެސްގެ އިދިކޮޅު މެމްބަރުންތަކެއްގެ ސިޔާސީ ފިއްތުންތަކުގެ ސަބަބުން ކަމަށެވެ.
ޓުވިޓާއިން މި ތުހުމަތުތައް ދޮގު ކޮށްފައިވާއިރު އެކުންފުނިން ވަނީ ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑް ކުރަން ނިންމި ނިންމުން ދިފާއުކޮށްފަ އެވެ.
ޓުވިޓާ އާއި އެނޫން ވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ޓްރަމްޕް ބޭރުކޮށްލީ އަނިޔާވެރިކަމަށް ހިތްވަރުދީ ޕޯސްޓް ކުރަމުން ގެންދާތީ ކަމަށް އޭރު އެ ކުންފުނިތަކުން ބުނެފައިވެ އެވެ.
މިދިޔަ ޖެނުއަރީ މަހު ހަވަނަ ދުވަހު ޓްރަމްޕްއަށް ސަޕޯޓުކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ޔޫއެސް ކެޕިޓަލްއަށް ވަދެގަނެ ހަމަނުޖެހުންތަކެއް ހިންގާފަ އެވެ. – އަލް އަރަބިއްޔާ