މާބަނޑުއިރު ގިނަ މީހުންނަށް ނިދުން އޮންނަނީ ފަސޭހަ ކަމަކަށް ނުވެފަ އެވެ. ދުވާލަކު މަދުވެގެން ހަތެއް ނުވަތަ އަށް ގަޑިއިރަށް ނިދުމަކީ މަންމައާއި ދަރިފުޅުގެ ސިއްހަތަށް ކޮންމެހެން ކުރަންޖެހޭ މުހިއްމު ކަމެކެވެ. މާބަނޑުއިރު ހަމަ ނިދި ނުލިބުމުގެ ސަބަބުން ދަރި ބައިގެން ދިއުން ނުވަތަ ދަރިފުޅު ހެދިބޮޑުވުމަށް އަސަރުކުރެ އެވެ.
ކަން މިހެން އޮތް ނަމަވެސް މާބަނޑުއިރު މާގިނައިން ނިދުމަކީ ރައްކާތެރިކަމެއް ނޫނެވެ. ނުވަ ގަޑިއިރަށް ވުރެ ގިނައިން ނިދުމުން ދަރިފުޅަށް އޭގެ ނޭދެވޭ އަސަރުކުރެ އެވެ.
މާބަނޑުއިރު މާގިނައިން ނިދޭ ސަބަބުތައްމާބަނޑުއިރު ވާ ޖިސްމާނީ އުނދަގުލާއި ކަންބޮޑުވުންތަކާއެކު ބައެއް މީހުންނަށް މާގިނައިން ނިދޭ ގޮތްވެ އެވެ. މިގެ އިތުރުން ވެސް މާގިނައިން ނިދުމަށް މަގުފަހިވާ ސަބަބުތަކުގެ ތެރޭގައި:
ހޯމޯން އަށް އަންނަ ބަދަލުތައް
މާބަނޑު ދުވަސްވަރު ހަށިގަނޑުގައި ޕްރޮޖެސްޓެރޯން އިތުރުވުމުގެ ސަބަބުން ހަށިގަނޑުގައި ބްލަޑް ޝުގާ އާއި ބްލަޑް ޕްރެޝާ ދަށްވެ މާބޮޑަށް ވަރުބަލިކަން އިހުސާސު ކުރެވޭނެ އެވެ. އެހެންވުމުން މާ ގިނައިން ނިދާހިތްވާނެ އެވެ.
ސްލީޕް އެޕްނިއާ
ސްލީޕް އަޕްނިއާ އަކީ ނިދާފައި އޮންނަ އިރު، އިރު އިރުކޮޅާ ނޭވޭލުން ކުއްލިއަކަށް ހުއްޓިފައި އަނެއްކާ ވެސް ފެށުމަށް ދިމާވާ ހާލަތަކަށް ކިޔާ އުޅޭ ނަމެކެވެ. އަންހެން މީހާ ނިދާފައި އޮންނައިރު ގުގުރި ދަމާ ނުވަތަ ހަމަ ނިދި ނިދުމުން ވެސް ވަރުބަލިކަން އިހުސާސުވާ ނަމަ އޭނާ ސްލީމް އެޕްނިއާ ހުރީ ކަމަށް ވެދާނެ އެވެ. އަވަހަށް ޑޮކްޓަރަށް ދައްކާށެވެ. ސަބަބަކީ މާބަނޑުއިރު ހޯމޯންތަކަށް އަންނަ ބަދަލާއެކު ސްލީޕް އެޕްނިއާ އަށް މަގުފަހިވާތީ އެވެ.
ގިނައިން ކުޑަކަމުދެވުން
ގިނަ މާބަނޑު އަންހެނުންނަށް ފުރަތަމަ އަދި ތިންވަނަ ޓްރައިމެސްޓާގައި މާގިނައިން ކުޑަކަމުދެވޭތީ ނިދަން އުނދަގޫވެ އެވެ. މިހެން ދިމާވަނީ ބަނޑުބޮޑުވަމުންދަ ވަރަކަށް ބްލެޑަރަށް ބާރު ބޮޑުވާތީ އެވެ.
މާބަނޑުއިރު ރަނގަޅަށް ނިދުމަށް ކުރެވިދާނެ ކަންތައް
ހަރަކާތްތެރިވެ އުޅުން
މާބަނޑުއިރުގައި ވެސް ޑޮކްޓަރު ވަކި ގޮތެއް ނާންގާ ހިނދެއްގައި ހަރަކާތްތެރިވެ އުޅެންވާނެ އެވެ. ރަނގަޅު މިންވަރަކަށް މަސައްކަތް ކޮށްލެވުމުން ކޮންމެ ވެސް ވަރަކަށް ވަރުބަލިކަން އިހުސާސުވެ ލޭ ދައުރުވުން ރަނގަޅުކޮށްލެވެ އެވެ. އަދި ހައިޕަޓެންޝަން ފަދަ ކަންތަކުން ދުރުވެ ރަނގަޅަށް ނިދުމަށް ފަސޭހަވެގެން ދާނެ އެވެ.
ނިދުމުގެ ތާވަލެއް ގާއިމު ކުރުން
އަބަދުވެސް ނިދާ ހޭލާ ވަކި ގަޑިއެއްގައި އަބަދުވެސް އެކަން ކުރުމަށް އާދަކުރާށެވެ. އަދި ހަމަޖެހިގެން ނިދާލުމަށްޓަކާ ނިދުމުގެ 30 ވަރަކަށް މިނެޓު ކުރިން އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރުން ހުއްޓާލާށެވެ.