ފެންނަ ކަންކަމުން ސާފުވަނީ ގާނޫނު ހިންގުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުރަނގަޅު ނުފޫޒު ފޯރުވަމުންދާކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ސާފް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖޭގެ ގައުމީ ޓީމް ކުޅުނު މެޗަށް ރައީސް ސޯލިހްގެ އަރިހުގައި ސަސްޕެންޝަނުގައި ހުންނެވި ޔޫތު މިނިސްޓަރު މަހްލޫފު ވެސް ވަޑައިގެން ހުންނެވި މަންޒަރާއިއެކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެން އެންމެ އަވަހަށް އިވޭނީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވި ސަސްޕެންޑްކޮށްފައި ހުރި ޔޫތު މިނިސްޓަރު މަހުލޫފަށް ވެސް ދައުވާ ނުކުރަން ނިންމާ ހަބަރު ކަމަށެވެ. މިހާރު ރާއްޖޭގައި މިހާރު ކަންތައްތައްދާ ގޮތުން ގާނޫނޫ ހިންގުމުގައި ރައީސް ސޯލިހުގެ ނުރަނގަޅު ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.

"އެސްއޯއެފުން ފައިސާ ލިބުނު ވަޒީރަށް، އެމްޑީޕީ މޭޔަރަށް އަދި މެމްބަރަކަށް ދަޢުވާ ނުކުރާނެ. ދެން އިވޭނީ މަޙްލޫފަށްވެސް ދަޢުވާ ނުކުރާ ހަބަރު،" ޑރ. ޖަމީލް ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ އެމްޑީޕީއަކީ ނުތާހިރު ފިލޯސަފީއެއް އޮންނަ ޕާޓީއެއް ކަމަށެވެ.

މަހުލޫފްގެ މައްސަލައިގައި ދައުވާ ކުރުމާމެދު ޕީޖީއަށް ގޮތެއް ނުނިންމި ގިނަދުވަސްތަކެއް ވެފައިވާއިރު އެކަމުގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ މައްސަލައިގައި އަވަހަށް ގޮތެއް ނިންމުމަށް ރައީސް ސޯލިހް ވެސް އެދިވަޑައިގެންފައިވެ އެވެ.