ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ހަ އަހަރުގެ ކުޑަ ކުއްޖަކު މިރޭ މަރުވި މައްސަލާގައި އެ ހޮސްޕިޓަލުން ކައިރީގައި މުޒާހަރާ ކޮށްފި އެވެ.

އެ ރަށު ހޮސްޕިޓަލް ކައިރީގައި މުޒާހަރާ ކޮށްފައިވަނީ މިއަދު ބަލިވެގެން އެ ހޮސްޕިޓަލަށް ގެންދިޔަ ކުއްޖެއް ގަޔަށް އިންޖިކްޝަނެއް ޖެހި ފަހުން އެކުއްޖާ އިތުރަށް ހާލު ބޮޑުވެ، އެކުއްޖާ މަރުވި މައްސަލާގަ އެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލު ކުޑަ ކުއްޖަކު މަރުވި މައްސަލާގައި މުޒާހަރާ ކުރަނީ.. ފޮޓޯ: ހުރިހާ

މުޒާހަރާގެ ބައިވެރިންވަނީ ފުވައްމުލަކު ހޮސްޕިޓަލުގެ ވެރިން އިސްތިއުފާއަށް ގޮވާލާފަ އެވެ. އަދި މިމައްސަލަ ބަލައި އެކަމުގައި އިހުމާލުވާ ފަރާތްތަކާ މެދުގައި ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލު ކުޑަ ކުއްޖަކު މަރުވި މައްސަލާގައި މުޒާހަރާ ކުރަނީ.. ފޮޓޯ: ހުރިހާ

ފުވައްމުލަކު ހޮސްޕިޓަލުގައި ރަނގަޅު ހިދުމަތެއް ދިނުމަށާއި އެ ހޮސްޕިޓަލަށް ރަނގަޅު ޑޮކްޓަރެއް ގެނައުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ.

ކުއްޖާ މަރުވި މައްސަލައާ ގުޅިގެން ފުވައްމުލަކުގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ވެސް ނުރުހުން ފާޅުކުރަމުންނެވެ. އަދި ހޮސްޕިޓަލުގެ އިހުމާލު މީގެ ކުރިން ވެސް މިފަދަ ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވެ އެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލު ކުޑަ ކުއްޖަކު މަރުވި މައްސަލާގައި މުޒާހަރާ ކުރަނީ.. ފޮޓޯ: ހުރިހާ

އެ ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ލިރާރު "ހުރިހާ"އަށް މިރޭ ވިދާޅުވީ، އިންޖެކްޝަނެއް ޖެހިފަހުން އެ ކުއްޖާ މަރުވި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލާނެ ކަމަށެވެ. އަދި އެ ކުއްޖާގެ އާއިލާގެ ފަރާތުން ތުހުމަތުކުރާ ކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝަކުވާއެއްގެ ގޮތުގައި ބަލަމުން ގެންދާނަން. އަދި އެކަމުގައި އިހުމާލެއް އޮތްތޯ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން. އަޅުގަނޑު މަސައްކަތްކުރަނީ މައްސަލައެއް ދިމާވެދާނެތީ ކަންކަން ރަނގަޅުކުރަން،" މިދިޔަ މަހުގެ 19 ވަނަ ދުވަހު ހޮސްޕިޓަލުގެ މެނޭޖަރުކަމާ ހަވާލުވި ލިރާރު ވިދާޅުވި އެވެ