ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ނާޒިލް، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމަށް ޖިންސީ ފުރައްސާރަކުރިކަމުގެ މައްސަލައެއް ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިމައްސަލަ ހުށަހަޅާފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޝަހީމް (އަންދުން ހުސައިން) އެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އުފެދުނު ހޔާލު ތަފާތުވުންތަކާއި ގުޅިގެން، މެމްބަރު ނާޒިލް އާއި، އަސްލަމްގެ މެދުގައި މަޖިލިސް ތެރޭގައި ކުރެވިދިޔަ ބަހުސްއެއްގައި ނާޒިލް ވަނީ އޭނާގެ ކުރިމަތި ފަރާތަށް އިޝާރާތް ކުރެއްވުމަށްފަހު "މި ވީޑިއޯ ކޮށްބަލަ" އޭ ވިދާޅުވެފަ އެވެ.

މަޖިލީހުގެ އިދާރާއަށް އަނދުން ހުސައިން ފޮނުއްވި ސިޓީގައި އޭނާވަނީ މި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދިވަޑައިގެންފަ އެވެ.

މިމައްސަލައާ ގުޅިގެން ބައެއް މީޑިއާތަކުގައި އަސްލަމް ވިދާޅުވެފައިވަނީ އެކަމާ މެދުގައި ވަކި އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ޙަސަން ޒިޔާއުއާ ހަވާލާދީ ބައެއް މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެފަދަ މައްސަލައެއް މެމްބަރަކު ހުށަހަޅާފައިވާ ކަމަށާއި އޮންނަ އުސޫލެއްގެ ތެރެއިން އެކަން ބެލިގެންދާނެ ކަމަށެވެ.

އެމްޑީޕީ އެތެރޭގެ ތިންތިހާބުގައި މެންބަރު ނާޒިލް ވާދަކުރެއްވި ދާއިރާގެ ވޯޓު އަމިއްލައަށް ގުނާ ތަން ފެންނަ ވީޑިއޯއެއް އާއްމުވެފައިވެ އެވެ. މެންބަރު ނާޒިލް ތުހުމަތު ކޮށްފައިވަނީ އެ ވީޑިއޯ ކުރީ މެންބަރު އަސްލަމް ކަމަށެވެ.

ހިތަދޫ ދެކުނު ދާއިރާގެ ރައީސްކަމަށް ވާދަކުރައްވައި ނާޒިލަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފަ އެވެ. އެ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވީ އައްޑޫ މޭޔަރު އަލީ ނިޒާާރުގެ ކޮއްކޮ އަންސާރު މޫސާ އެވެ.