އިއްޔެއަކީ މުދައްރިސުންގެ ދުވަހެވެ. ދުވަހުގެ ތަހުނިޔާ ކިޔުމަށް އެއް ދުވަސް ފަސްވުމަކީ މައްސަލައެއް ކަމަށް ނުދެކެމެވެ. ޓީޗަރުންގެ ޚިދުމަތް ލިބުމުގައި ހުކުރެއް ހޮނިހިރެއް ތަފާތު ނުވާތީ އެވެ. ހަގީގަތުގައި ޓީޗަރުންގެ މަސައްކަތަކީ ލިބޭ މުސާރައަށް ބަލައިގެން ކުރެވޭ ވަރަށް ވުރެ މުހިންމު ބުރަ މަސައްކަތެކެވެ.

އެ މަސައްކަތް ކުރެވޭނީ އެކަން ކުރާހިތުން ކުރާ ބަޔަކަށެވެ. މުދައްރިސުންގެ ދުވަސް ކޮންމެ އަހަރަކު ވެސް ތަފާތު ގޮތްގޮތަށް ފާހަގަ ކުރެވެ އެވެ. ތަފާތު ޝުއޫރުތައް ފާޅުކުރެވެ އެވެ. ހަދިޔާތަކާ އިނާމުތައް ދެވެ އެވެ. ހަމަ އެފަދައިން ބައެއް ސްކޫލުތަކުގައި ފާހަގަ ކޮށްލެވޭ ޓީޗަރުން ކަނޑައަޅައި ލިޔުން ދިނުން ވެސް އޮވެ އެވެ.

ޚިދުމަތުގައި ތިބޭޓީޗަރުންގެ ތެރެއިން އެންމެ ރަނގަޅު ޓީޗަރުން ހޮވާފަދައިން ފާއިތުވެ ދިޔަތަނުގައި ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރި މީހުންގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވޭ ބަޔަކީ ކޮބައިތޯ ބަލާލުމަކީ ރަނގަޅު ކަމެކެވެ. އެފަދަ މަސައްކަތެއް ކަމާ ބެހޭ ރަސްމީ ފަރާތަކުން ސީދާ ކޮށްފައެއް ނުވެ އެވެ.

މުދައްރިސުންގެ ދުވަސް ފާހަގަ ކުރަނީ (ފޮޓޯ، ބިލަބޮންގް)

އެހެނަސް ވަރަށް ގިނަ މުނާސަބާގައި ޖީލުލް އުސްތާޒުގެ ޝަރަފު މަރުހޫމް މުހައްމަދު ޖަމީލަށް އެރުވޭތަން ފެނެ އެވެ. އެމަނިކުފާނަށް އިޝާރާތް ކުރައްވައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވި ޖީލުލް އުސްތާޒުގެ ލަގަބަކީ އެމަނިކުފާނަށް އެންމެ ހައްގުވާ ލަގަބެއްކަމާމެދު ދެބަސްވާ އެއްވެސް ދިވެހި ދަރިއެއް ހުންނާނެކަމަށް ނުފެނެ އެވެ. އެމަނިކުފާނު މުދައްރިސެއްގެ ގޮތުންނާއި ނާޒިރެއްގެ ގޮތުން ގައުމަށް ކޮށްދެއްވި ޚިދުމަތް މުޅި ދިވެހި ގައުމަށް އާންމުކޮށް ފެތުރިގެން ނުދިޔަ ކަމުގައި ވިޔަސް ކިޔަވައި ދެއްވުމަށްޓަކައި އެމަނިކުފާނު ލިޔުއްވި ފޮތްތަކަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެއިގެ ބޭނުން ހިފިގެން ދިޔަ ފޮތްތަކެއް ކަމަށްވި އެވެ.

ތައުލީމުއް ދިޔާނާގެ ތިންފޮތާއި ދުރޫސުލް އަޚުލާގާއި ތަޝްދީދުލް އަޒްހާނަކީ ވަރަށް ގިނަ ޒަމާންތަކެއް ވަންދެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މަދަރުސާތަކުގައި ކިޔަވައި ދިނުމަށް ބޭނުންކުރި މައިގަނޑު ފޮތްތަކެވެ.

ޖަމީލު ދީދީގެ އިލްމީ ޚިދުމަތް މުޅި ރާއްޖެއްށް ފެތުރިގެން ދިޔަ ފަދައިން އެމަނިކުފާނުގެ ކުރީގައި ވެސް ރާއްޖޭގެ ތައުލީމަށް ވަރަށް އަގުހުރި ޚިދުމަތް ކުރެއްވި ބޭބޭފުޅުން އުފެދުނެވެ. އެކި އެކި ބޭބޭފުޅުން އެ ބޭބޭފުޅުންގެ ދުވަސްވަރު އިލްމު އުންގަންނައި ދެއްވުމަށް ކުރެއްވި މަސައްކަތުގެ ސަބަބުން ރާއްޖޭގައި އިލްމުވެރިކަމުގެ ސިލްސިލާގެ ބޮޅު ނުކެނޑި ގެތެމުންއަ އެވެ.

ރާއްޖޭގެ ތާރީޚަކީ އެހާބޮޑަށް އެނގެން އޮތް އެއްޗެއް ނޫނެވެ. ލިޔެވިފައިވާ ތާރީޚީ ލިޔުންތަކެއް ނެތީމަ އެވެ. ލިއުމުން ފެންނަން އޮތީ ރާއްޖެ އިސްލާމް ވީފަހުން ކަންތައް ހިނގަމުން އަންނަ ގޮތެވެ. އެނގެން އޮތް ތާރީޚަށް ބަލާއިރު ދިވެހިންގެ މިނިވަންކަމާ ކަރާމަތަށް އެންމެ ބޮޑު ބަލިކަށިކަމެއް އައީ އިންޑިއާގައި އޮތް ޕޯޗްގީޒު ސަރުކާރުން ހިލާލީ ދަރިކޮޅުގެ ނުވަ ވަނަ ހަސަން ރަސްގެފާނުގެ ނަންފުޅުގައި ރާއްޖޭގެ ވެރިކަން ކުރި 17 އަހަރެވެ.

އެ އަނދިރި ދުވަސްތައް ނިމި، އުތީމު މުހައްމަދު ތަކުރުފާނު ރާއްޖޭގެ މިނިވަންކަން އަނބުރާ ހޯއްދަވައި ދެއްވިއިރު ރާއްޖޭގައި އިލްމު ވެރިއެއް، ރަނގަޅު މުދައްރިސަކު ހުރި ކަމަށް ނުވެ އެވެ. އެހެންކަމުން އެފަދަ ބޭކަލެއްގެ އިންތިޒާރުގައި މުހައްމަދު ތަކުރުފާނު ހުންނަވަނިކޮށް ހިޖާޒު ކަރައިގެ މައްކާއިން ތައުލީމު ހާސިލް ކުރައްވައިގެން ދިވެހި އެދުރު ބޭކަލަކު ރާއްޖެ ވަޑައިގަތެވެ.

ދިވެހި ރަސްކަން އެބޭކަލަކަށް މުހަންމަދު ތަކުރުފާނު އެރުވި ކަމަށްވެ އެވެ. އެހެނަސް ގަބޫލުފުޅެއް ނުކުރެއްވި އެވެ. ދެން ބޮޑު ތަކުރުފާނު އެދިވަޑައި ގެންނެވީ ފަނޑިޔާރުކަމާ ހަވާލުވެ ވަޑައިގެންނެވުމަށެވެ. އެކަމުން ވެސް އެދުކަލޭގެފާނު ބަރީއަވެ ވަޑައިގަތެވެ. އެދުރުކަލޭގެފާނުގެ އެދުމަކަށްވީ އެކަހެރި ފުށި ރަށެއްގައި އިލްމު ފެތުރުއްވުމުގެ މަސައްކަތް ކުރައްވަނަ ހުންނެވޭނެ ގޮތުގެ ހުއްދައެކެވެ. އެ ހުއްދަ ދެއްވުމުން އެދުރު ކަލޭގެފާނު އުޅުއްވަން ޚިޔާރުކުރެއްވީ ގދ. ވާދޫ އެވެ.

ވާދޫ ދަންނަކަލޭގެފާނުގެ ނަމުން މަޝްހޫރުވި އައްޝައިޚު މުހައްމަދު ޖަމާލުއްދީން އެ ރަށުގައި ފެއްޓެވި ކިޔަވައި ދެއްވުމުގެ މަސައްކަތުގެ ސިލްސިލާ މިއަދުގެ ޖީލުތަކާ ހަމަޔަށް ވަނީ ވާރުތަވެފަ އެވެ. ރާއްޖޭގެ ފަހުގެ ތާރީޚުގައި އިލްމީ ގޮތުން ލިބުނު ކޮންމެ ކާމިޔާބެއްގެ ސިލްސިލާ ވާދޫ ދަންނަ ކަލޭގެފާނާ ހަމަޔަށް ގުޅުވާ ލެވޭނެ އެވެ.

ޝައިޚު ޖަމާލުއްދީން ވާދޫގައި ފެއްޓެވި މަދަރުސާއިން ރައްޖޭގެ އެތައް ދަރިވަރުންނެއް އިލްމު ހާސިލުކުރެއްވި އެވެ. ޚާއްސަކޮށް ލ. އަތޮޅުން ފެށިގެން ދެކުނުގެ ރަށްތަކަށް މި ތައުލީމީ ދަންމަރުގެ އަލި ގަދަޔަށް ފޯރިކަމަށްވެ އެވެ. އޭގެ ތެރެއިން ވެސް އައްޑުއާއި ފުވައްމުލައް ޚާއްސަވެގެން ދިޔަ އެވެ. އައްޑޫގައި ފިގުހު އިލްމު، ފުވައްމުލަކުގައި ގާރީ ވެރިކަން، ދެމިގެންދިޔުމަށް އެދުރު ކަލޭގެފާނު ދުއާކުރެއްވި ކަމަށް ދެކެވޭ ޔޯލަ ވާހަކައެއް ވެސް އޮވެ އެވެ. އެ ވާހަކަ ކޮންމެ ގޮތަކަށް އޮތް ކަމަށް ވިޔަސް އެ ދެއަތޮޅުގައި އެ ދެ އިލްމު ކުރިއަރައިގެން ދިޔަ އެވެ. މާލެއަށް ބޭނުންވާ ފަނޑިޔާރުން ފަދަ އިލްމުވެރިން އައްޑޫ އިން ގެންދިޔުމާއި ފުވައްމުލަކުން ގާރީން ގެންދިއުމަކީ ހިނގަމުން ދިޔަ އާދައެކެވެ.

ވާދޫ ދަންނަކަލޭގެފާނުގެ ޒަމާނަށް ފަހު އެކަލޭގެފާނުގެ އިލްމުވެރިކަން އެންމެ ގަދަޔަށް ވާރުތަވީ އައްޑު މީދުއަށޭ ބުނުމަކީ އެހެން އަތޮޅަކަށް ނުވަތަ ރަށަކަށް ބުނެވޭ އިހާނެތި ބަހަކަށް ނުވާނެ އެވެ. މީދޫން ބޮޑެތި ދީނީ އިލްމުވެރިން އުފެދި އެ ރަށަށް ތައުލީމު ހާސިލު ކުރުމަށްޓަކައި މާލެއިން އާއި ރާއްޖޭގެ އެހެން ހިސާބުތަކުން މީހުން ދިޔަކަމީ ތާރީޚު ހެކިވާ ކަމެކެވެ. މިޒަމާނުގެ ދިވެހި ރާއްޖޭގެ އެންމެ ފަޚުރުވެރި އެއް ސްކޫލް ކަމަށްވާ މަޖީދިއްޔާ ސްކޫލުގެ ބާނީ ހުސެއިން ސަލާހުއްދީނާއި ރާއްޖޭގެ ތައުލީމަށް ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި ބޮޑުފެންވަޅުގޭ ސީދީ އަކީ ވެސް މީދޫން ތައުލީމު ހާސިލު ކުރެއްވި ބޭފުޅުންނެވެ. އެހެންކަމުން އެބޭފުޅުންގެ ތައުލީމީ ހަޔާތް ވަނީ ވާދޫ ދަންނަކަލޭގެފާނުގެ އުނގަންނައި ދެއްވުމާ ސީދާ ގުޅިފަ އެވެ.

އަމީނިއްޔާ ސްކޫލް ކައިރިން ބަޔަކު ދުއްވާފައި ދަނީ. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މިޒަމާނުގެ ތައުލީމު ބައްޓަން ވެގެން އައި އައުމުގެ ފެށުމަކީ މަޖީދިއްޔާ އާއި އަމީނިއްޔާ ސްކޫލެވެ. އެ ދެ ސްކޫލުގެ ވެސް އެންމެ ފުރަތަމަ އިސް މުދައްރިސުންނާއި ނާޒިރުންގެ ތައުލީމީ ހަޔާތް ވަނީ ސީދާ ވާދޫ ދަންނަކަލެގެފާނުގެ ކިޔަވައި ދެއްވުމާ ގުޅިފަ އެވެ. އެނޫނަސް ރާއްޖޭގެ މިޒަމާނުގެ ތައުލީމު ބައްޓަންވެގެން އައި އައުމަށް ނުފޫޒު ފޯރުއްވެވި އައްޝައިޚު މުހައްމަދު ޖަމާލުއްދީނު އީސަލް މުލަކީ (ނައިބު ތުއްތު) އާއި މުހަންމަދު ޖަމީލު ދިދީ ފަދަ ބޭބޭފުޅުންނަކީ ވެސް ދަންނަ ކަލެގެފާނުގެ އިލްމީ ސިލްސިލާގެ ބޮޅުތަކުގެ ތެރެއިން ބޮޅެވެ. އެހެން ކަމުން މިޒަމާނުގެ ދިވެހި ތާރީޚުގެ އެންމެ އިސް އެދުރަކީ އެއްވެސް އޮޅުމެއް ނެތް ގޮތުގައި އައްޝައިޚު މުހައްމަދު ޖަމާލުއްދީނު، ވާދު ދަންނަ ކަލޭގެފާނެވެ.