ވޮޝިންޓަން (07 އޮކްޓޯބަރު) - އީރާނާއި އާޒަރުބައިޖާންގެ މަޝްރަހު ހޫނުވެ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހީވާން ފަށާފައިވާ ކަމަށް އެ ސަރަހައްދުގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފި އެވެ.
މި ދެ ގައުމަކީ އާއްމު އުސޫލެއްގެ ގޮތުން ރަނގަޅު ގުޅުމެއް އޮންނަ ދެ ގައުމު ނަމަވެސް މި ފަހަކަށް އައިސް އަވައްޓެރި އަރުމޭނިއާގެ މައްސަލާގައި މި ދެ ގައުމުގެ ދެމެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.
އަރުމޭނިއާއަކީ އާޒަރުބައިޖާންގެ ދުވަސްވީ ހަތުރެއް ނަމަވެސް އީރާނުން އަރުމޭނިއާއަށް ދެމުން އަންނަ އެއްބާރުލުމާމެދު އާޒަރުބައިޖާނުން ވަނީ ހިތްހަމަ ނުޖެހިފަ އެވެ. އަދި މިކަމުގެ ސަބަބުން ދެ ގައުމު ގުޅޭ ބޯޑަރު ކައިރީގައި އެ ގައުމުން ވަނީ އަސްކަރީ ހަރަކާތްތައް ހިންގަން ފަށާފަ އެވެ.
މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ 2020 ވަނަ އަހަރު ކުރެވުނު 44 ދުވަހުގެ ހަނގުރާމަ އަކަށްފަހު އަރުމޭނިއާ އިން ނަގޮރްނޯ އެވެ ކިޔުނު އެ ގައުމުގެ ސަރަހައްދު އާޒަރުބައިޖާން އަށް ދޭން ނިންމި ހިސާބުން ނެވެ. އެ ދުވަހަށް ފަހު އެގައުމުގެ ސަލާމަތީ ބާރުތަކުން ދަނީ އެސަރަހައްދު ބަލަހައްޓަމުންނެވެ.
ނަމަވެސް އެ ސަރަހައްދުގައި އީރާނުން ކުރިއަށްގެންދާ ހަރަކާތްތައް ކުރިއަށް ގެންދަނީ އާޒަރުބައިޖާންގެ ހުއްދައަކާ ނުލާ ކަމަށް އެ ގައުމުގެ އިދާރާތަކުން ވަނީ ބުނެފަ އެވެ. އަދި ހަމަ އެހެންމެ އެ ހަރަކާތްތައް ހިންގާއިރު އެ ގައުމުގެ ކަސްޓަމްސް އަށް ދައްކަންޖެހޭ ޓެކްސް ވެސް ދައްކާފައި ނުވާ ކަމަށް އެ އިދާރާތަކުން ބުނެފައިވެ އެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން އާޒަރުބައިޖާންގެ ވެރިރަށް ބަކޫގައި ހުންނަ އީރާނުގެ ސްޕްރީމް ލީޑަރު އަލީ ޚާމަނާއީގެ އޮފީސް ބަންދުކޮށްފައި ވާއިރު އެނޫން ވެސް ގޮތްގޮތުން އެ ގައުމުން އަންނަނީ އީރާނާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންނެވެ.
މި ފިޔަވަޅުތަކާ ބެހޭގޮތުން އެއްވެސް އިންޒާރެއް ލިބިފައި ނުވާކަމަށް ބަކޫގައި ހުންނަ އީރާނުގެ އެމްބަސީން ވަނީ ބުނެފަ އެވެ. އަދި މި އަމަލުތައް ކުށްވެރިކުރާ ކަމަށް ވެސް އީރާނުގެ އިދާރާތަކުން ބުނެފައިވެ އެވެ.
އާޒަރުބައިޖާން އާއި އީރާންގެ މަޝަރަހު މިގޮތުގައި ކުރިއަށްދާނަމަ އެކަމުގެ ސަބަބުން ސަރަހައްދީ ސުލްހައަށް އަސަރުކޮށްފާނެ ކަމަށް އަވަށްޓެރި ގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. – އަރަބު ނިއުސް