އިންޑިއާގެ ޓެލުގޫ ފިލްމީ އިންޑަސްޓްރީ (ޓޮލީވުޑް) ގެ މަޝްހޫރު އެކްޓަރުންނަށް ފިލްމީ މަސައްކަތްތަކުގެ ތެރެއިންނާއި އެނޫން ގޮތްގޮތުން ލިބޭ އަނިޔާތަކާއި، އޭގެ ސަބަބުން ކުރަންޖެހޭ ސާޖަރީތަކުގެ އަދަދު ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރު ވެއްޖެ އެވެ.

އެގޮތުން އެންމެ ފަހުން އަނިޔާއެއް ވެގެން ސާޖަރީއެއް ކުރަން ޖެހުނު ތަރިއަކީ ޖޫނިއާ އެންޓީއާރް އެވެ. އޭނާއަކީ މި ފަހަކަށް އައިސް ބޮޑު އަނިޔާއެއް ލިބުނު ހަވަނަ ތެލުގޫ ތަރި އެވެ.

ޖޫނިއާ އެންޓީއާރުގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ޑޮކްޓަރުން ވަނީ އޭނާއަށް 6 އާއި 8 ހަފުތާއާ ދެމެދުގެ މުއްދަތަކަށް އަރާމު ކުރުމަށް އިރުޝާދު ދީ ފައެވެ.

ޖޫނިއާ އެންޓީއާރްއަށް މި އަނިޔާ ލިބުނުއިރު އޭނާ އަންނަނީ ޑައިރެކްޓަރު ޕްރަޝާންތު ނީލްގެ ކުރިއަށް އޮތް ފިލްމު "ޑްރެގަން"ގެ މަސައްކަތް ކުރަމުންނެވެ.

މި ލިސްޓަށް ބަލާއިރު، މަޝްހޫރު އެކްޓަރު ޗިރަން ޖީވީ ވަނީ ކޮނޑުގެ ކުރީގެ އުނދަގޫތަކަކަށް ހައްލެއް ހޯދުމުގެ ގޮތުން ކީހޯލް ސާޖަރީއެއް ހަދާފަ އެވެ.

އޭނާގެ އާއިލާއަށް ނިސްބަތްވާ ވަރުން ތޭޖް "ބާރީ" ފިލްމަށް ވޮލީބޯޅަ ކުޅެން އުޅުމުގެ ތެރޭގައި ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ސާޖަރީއެއް ހަދާފައިވާއިރު، ޕަވަން ކަލްޔާންވެސް ވަނީ ކަނާތު ކޮނޑުގެ ރޮޓޭޓާ ކަފް ސާޖަރީއެއް ކޮށްފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ޕަވަން ކަލްޔާންގެ ވައަތު ކޮނޑުގެ ސާޖަރީއެއް ވެސް ކުރަން ޖެހޭ ކަމަށް ހަބަރުތައް ބުނެ އެވެ.

އެއާއެކު އެކްޓަރު ރާމް ޗަރަން "ޕެޑީ" ފިލްމުގެ ޝޫޓިންގައި ލޮލަށް އަނިޔާވެގެން ފަރުވާ ހޯދާފައިވާއިރު، ރެސްލިން މަންޒަރުތަކެއް ނަގަނިކޮށް އަތުގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޑަހުޅުގެ ސާޖަރީއެއްވެސް ވަނީ ހަދާފަ އެވެ.

މީގެ އިތުރުން، ނަންދަމޫރީ ބާލަކްްރިޝްނާގެ " އެންބީކޭ 111" ފިލްމުގެ ޝޫޓިންގައި ކަކުލުގެ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ އެމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފަ އެވެ.

ފިލްމީ މަންޒަރުތައް ނެގުމުގައި ކުރަންޖެހޭ ބުރަ މަސައްކަތްތަކާއި އެކްޝަން މަންޒަރު ތަކުގެ ސަބަބުން ތަރިންނަށް ލިބޭ އަނިޔާތައް އިތުރުވަމުންދާތީ، ސަޕޯޓަރުންނާއި ފިލްމީ ދާއިރާގެ ފަރާތްތަކުން އަންނަނީ ތަރިންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.