އައްޑޫގެ ކޮވިޑް މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ފުވައްމުލަކު މީހަކު މިއަދު މަރުވެއްޖެ އެވެ.

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ މިއަދު ހެނދުނު 7:50 ހާއިރު މަރުވެފައި އުމުރުން 97 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މަރުވީ ކޮވިޑް ބަލީގައި ހާލު ބޮޑުވެގެން މިދިޔަ މަހުގެ 26 ވަނަ ދުވަހު ފުވައްމުލަކުން އައްޑޫގެ ފެސިލިޓީއަށް ގެންދިޔަ މީހެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މިއީ އެ ބަލިޖެހިން އައްޑޫގައި މަރުވި ހަތަރުވަނަ މީހާ އެވެ. އަދި މިއީ ރާއްޖޭގައި ކޮވިޑްޖެހިގެން މަރުވި 233 ވަނަ މީހާ އެވެ.

ކޮވިޑް ބަލީގައި މިމަހުގެ ހަތަރުވަނަ ދުވަހު ވެސް ރާއްޖެއިން މީހަކު މަރުވެފައިވެ އެވެ.

ރާއްޖޭގައި ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލްވެ، ބަލީގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.

އެޗްޕީއޭއިން އެންމެ ފަހުން ހާމަކުރި ތަފާސްހިސާބުތައް ދައްކާގޮތުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ 15 މީހަކަށެވެ.