ރަޝިއާއިން ތެޔޮ ގަންނާތީ އެމެރިކާއިން އިންޑިއާއަށް ދަތިކުރުމުގެ ގޮތުން، އެގައުމުން އެމެރިކާއަށް އެތެރެކުރާ މުދަލުން 50 ޕަސެންޓް ޓެރިފް ދައްކަން ޖެހޭ ގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަދައިފި އެވެ.
އިންޑިއާއިން މިހާރު އެތެރެ ކުރާ މުދަލުން ނަގާ 25 ޕަސެންޓު ޓެރިފަށް އިތުރު 25 ޕަސެންޓް އިތުރުކުރިއިރު، މިއީ މިހާތަނަށް ގައުމަކަށް ކަނޑައެޅި އެންމެ ބޮޑު ޓެރިފް އަދަދު ކަމަށްވާއިރު، މިކަމާ ގުޅިގެން އިންޑިއާ އާއި އެމެރިކާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެގެންދާނެ އެވެ.
މިކަމާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކުންވެސް ކަންބޮޑުވުން ފާޅުކުރަމުން އަންނައިއިރު، ޓްރަމްޕް ގެ މި ނިންމުމާ އެކު ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ. ސަބަބަކީ ޓްރަމްޕާއި ނަރެންދްރަ މޯދީ ވަނީ އެމީހުންނަކީ ދެ ރަހުމަތްތެރިން ކަމަށް ބުނެ، ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުންވެސް ދެބޭފުޅުން އެކަކު އަނެކަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.
އެމެރިކާއިން އިންޑިއާއަށް ބޮޑުކުރި 50 ޕަސަންޓުގެ ޓެރިފް ތަންފީޒުކުރަން ފަށާނީ ތިން ހަފްތާ ފަހުންނެވެ.
އިންޑިއާގެ އިތުރުން ދެން އެމެރިކާއިން އެންމެ ބޮޑު ޓެރިފެއް ކަނޑައަޅާފައިވަނީ ބްރެޒިލް އަށެވެ.