ބެއިރޫތު (10 އޮކްޓޯބަރު) - އިންޖީނު ހިންގާނެ ތެޔޮ ހުސްވެގެން ލުބްނާނުގެ ދެ ފިއުލް ސްޓޭޝަނެއްގެ ހިދުމަތްތައް މެދުކެނޑި އެގައުމުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ހޮނިހިރު ދުވަހު ލުބްނާންގެ އެންމެ ބޮޑު ދެ ފިއުލް ސްޓޭޝަން ކަމަށްވާ ޒަހްރާނީއާއި ޑެއިރް އައްމާރު ޕްލާންޓުން ހިދުމަތް މެދުކެނޑުމުގެ ސަބަބުން އެގައުމުގެ ގިނަ ސަރަހައްދުތަކުގެ ރައްޔިތުން އެރޭ ހޭދަ ކުރަން ޖެހުނީ ކަނު އަނދިރީގަ އެވެ. ކަރަންޓުގެ ހިދުމަތް މެދުކެނޑުމަށްފަހު އަލުން އެ ސަރަހައްދުތަކަށް ހިދުމަތް ލިބެން ފެށީ އާދީއްތަ ދުވަހުގެ ވަގުތެއްގަ އެވެ.

ލުބްނާންގެ މައި ޕަވާ ޕްލާންޓްތަކުން މިފަދަ ގޮތަކަށް ހިދުމަތް މެދުކެނޑުމަކީ އެގައުމަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަނދަވަޅު އިތުރަށް ބޮޑުވާނެ ކަމެކެވެ. މިހާރު ވެސް އެގައުމުގެ އިގްތިސާދަށް ވަނީ ވަޒީފާގެ ފުރުސަތުތައް ނެތުމާއި އިންފްލޭޝަން ފަދަ ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ.

އެގައުމުގެ އެނާޖީ މިނިސްޓްރީއިން ބުނީ ތެޔޮ ހޯދުމަށް ސެންޓްރަލް ބޭންކުން 100 މިލިއަން އެމެރިކާ ޑޮލަރު ބޭނުން ކުރުމުގެ ހުއްދަ ލިބިފައިވާ ކަމަށާއި ހިދުމަތް އަލުން ފެށުނީ އެކަމުގެ ސަބަބުން ކަމަށެވެ.

ލުބްނާނަށް އިމްޕޯޓު ކުރާ އިންޖީނު ތެލުގެ މިންވަރު ދަށްވެ އާއްމު ހިދުމަތްތަކަށް ބުރޫ އަރަމުން އަންނަ އިރު މިއީ ފަހުގެ ތާރީހެއްގައި އެގައުމުގެ އިގްތިސާދު މިހާ ބޮޑަށް އަޑި އަޅާލި ފުރަތަމަ ފަހަރެވެ.

ލުބުނާންގެ ސަރުކާރު ކަރަންޓް ކުންފުނީގެ ހިދުމަތްތައް މެދުކެނޑުނު އިރު ގިނަ ރައްޔިތުންތަކެއް ވަނީ ކަރަންޓު ހޯދުމަށްޓަކައި ޕްރައިވެޓް ޖެނެރޭޓަރުތަކުގެ ބޭނުން ހިފާފަ އެވެ. -- އަލް އަރަބިއްޔާ