ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިން ތެރޭގައި ހިމެނޭ ޝާހްރުކް ޚާންގެ ދަރިފުޅު އާރިޔަން ޚާން މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކޮށް، އެމައްސަލަ ތަހުގީގު ކުރިއަށްދާއިރު އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ކޯޓުން ދެ ފަހަރު ވެސް ދެކޮޅު ހަދައިފި އެވެ.
ކްރޫޒް ޝިޕެއްގައި ޕާޓީ ކުރަނިކޮށް އާރިއަންގެ އިތުރުން ހަތް މީހަކު ހައްޔަރު ކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.
މި އެންމެންގެ ކަފާލާތުގެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެމައްސަލައާމެދު ކޯޓުން ނިންމާފައިވަނީ އެމައްސަލަ ބަލައިނުގަތުމަށެވެ.
މި މައްސަލައާއި ގުޅިގެން ހަދަންޖެހޭ މެޑިކަލް އެގްޒަމިނޭޝްން އާރިއަން ހަދާފައިވާއިރު އޭނާގެ ފޯނުވެސް ވަނީ ފޮރެންސިކް ޑިޕާރޓްމެންޓާ ތަހުގީގު ކުރުމަށްޓަކައި ހަވާލުކުރެވިފަ އެވެ. ގާންދީ ނަގަރުގައި ހުންނަ ލެބޯޓްރީން އާރިއަންގެ ފޯނު ތަހުގީގު ކުރަމުންދާއިރު އޭނާގެ ވަޓްސްއަޕް ޗެޓްތަކުން ޑްރަގެ މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ވާހަކަތައް ހުރިކަމަށް އެންސީބީން ވަނީ ބުނެފަ އެވެ.
މި މައްސަލާގައި އާރިއަންގެ ފަރާތުން ބުނެފައި ވަނީ އޭނާ ކްރޫޒަށް ދިޔައީ ލިބުނު ދައުވަތަކަށް ކަމަށާއި، އޭގައި މަސްތުވާތަކެތި ބޭނުންކުރުމަށް ހުށަހެޅި ނަމަވެސް އެފަދަ އެއްވެސް އެއްޗެއް ބޭނުން ނުކުރާ ކަމަށެވެ.
މިމަހުގެ އަށް ވަނަ ދުވަހަކީ އާރިއަންގެ މަންމަ ގޯރީ ޚާންގެ 51 ވަނަ އުފަން ދުވަސް ނަމަވެސް މިކަންތައްތަކުގެ ސަބަބުން ގޯރީގެ އުފަންދުވަސް ވެސް މިއަހަރު ފާހަގައެއް ނުކުރެ އެވެ. އަދި ޝާހްރުކް ވެސް ވަނީ އޭނާ މަސައްކަތްކުރަމުންގެންދިޔަ ފިލްމުތަކުގެ މަސައްކަތް މެދުކަނޑާލާފަ އެވެ.
މިހާރު ދިމާވެފައިވާ މައްސަލައާއި ގުޅިގެން މީޑިއާ ރިޕޯޓައް ބުނާ ގޮތުގައި ޝާހް ރުކް ހުރީ ގޮތްހުސްވެފަ އެވެ. މީގެ އިތުރުން ކެއުމާއި ބުއިންވެސް ދޫކޮށް ޝާރުކްގެ މުޅި ދުވަސް ހޭދަ ކުރަނީ އާރްޔަން ސަލާމަތް ކުރުމަށް އެކި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމުގަ އެވެ.
ޝާރުކްގެ އިތުން އަންހެނުން ގޯރީ ހާން އަށްވެސް ދަނީ އާރްޔަންގެ ހައްޔަރާއި ގުޅިގެން ވަރަށް ބޮޑަށް އަސަރު ކުރަމުންނެވެ.
ސާރުކް ވަނީ ދަރިފުޅު ސަލާމަތް ކުރަން އިންޑިއާގެ އެންމެ މަޝްހޫރު ކްރައިމް ލޯޔަރު ސަތީޝް މަނަޝިންދޭ އާރްޔަންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.
ބޮލީވުޑްގެ ގިނަ ފަންނާނުން ގެންދަނީ މިމައްސަލާގައި އާރިއަން އާއެކު ތިބިކަން ހާމަކޮށް އެއާއިލާއަށް ކުރިމަތިވި ހިތާމާގައި ބައިވެރިވަމުންނެވެ.