މާލޭ ސިޓީގެ ބޭރުމަގާއެކު އިތުރު 16 މަގެއްގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާ އެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މާލެ ސިޓީ ކައުންސިލުން ފަރާތުން ސޮއިކުރެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކެވެ.

މި އެއްބަސްވުމަކީ މާލޭ ސިޓީގެ ކުރީގެ ކައުންސިލުން އާރްޑީސީއާއެކު އަމަލީ މަސައްކަތް ފަށާފައިވާ "މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ މަޝްރޫއުގެ ސްކޯޕަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އަލުން އެކުންފުންޏާއެކުވެފައިވާ އެއްބަސްވުމެކެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން މާލޭގެ 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އެންމެ ބޮޑު ބަދަލެއްގެގޮތުގައި މަޝްރޫއުގެ ތެރެއިން މާލޭގެ ބޭރުމަގާއެކު އިތުރު 16 މަގެއްގައި ތާރުއަޅައިގެން ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ ކުރީގެ ކައުންސިލުން ކުރިއަށް ގެންދިޔަ މާލެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަށް ބަދަލު ގެނެސްފައި ވަނީ މި މި މަޝްރޫއަކީ ވަރަށް ގިނަ ބައެއްގެ މަސްލަހަތާ ގުޅިފައިވާކަމެއް ކަމުން ވީހާ ވެސް ކުރު މުއްދަތެއްގެ ތެރޭގައި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ. އެގޮތުން ކުރިން މި މަޝްރޫއު ޑިޒައިންކޮށްފައިވާ ގޮތުން ސެގްމަންޓްތަކަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ވަރަށް ގިނަ ދުވަސް ހޭދަވާ ކަމަށާއި، ނަމަވެސް އެއްބަސްވުމަށް ގެނެވުނު ބަދަލާއެކު މިމަޝްރޫއު ދެ އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"ހުރިހާ މަގެއް އެއް ފަހަރަކާއި ކުރިއަށް ގެންގޮސް، ސްޓޭކް ހޯލްޑަރުންނާއެކު ކުރެވޭ މަސައްކަތުގެ ނަތީއްޖާ އަކަށް ވާނީ ގިނަ ވެގެން ދެ އަހަރު ތެރޭގައި މުޅި މާލެ ސިޓީގެ ހުރިހާ މަގެއް ރަނގަޅު ފެންވަރެއްގައި ހެދުން. މަޝްރޫއު ކުރިއަށްދާނީ ރައްޔިތުންނަށް ގުޅިގެން، މަސައްކަތް ކުރިއަށްދާގޮތް ކުރިއާލާ ރައްޔިތުންނަށް އަންގައިދީގެން، ރައްޔިތުން ބައިވެރިކޮށްގެން ކުރިއަށް ގެންދާނީ،" މުއިއްޒު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ވިދާޅުވީ މި މަޝްރޫއު ވީ އެންމެ ފުރިހަމަކޮށް ނިންމުމަށް އެ ކުންފުނީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

"މި މަޝްރޫޢުގެ ކުރިއަށްދާއިރު ދިމާވާ އެކި އެކި މައްސަލަތައް ފާހަގަކޮށްދެއްވައި އެކަން ސަމާލުކަމަށް ގެނައުމުން އެކަންކަން އަޅުގަނޑުމެން އިސްލާޙުކުރާނަން. ރައްޔިތުންގެ މަންފާއަށް ކުރާ މިފަދަ މުހިއްމު މަސައްކަތްތަކަށް ކުންފުނީގެ އެއްބާރުލުން އަބަދުވެސް ލިބޭނެ،" މޫސާ އަލިމަނިކު ވިދާޅުވި އެވެ.

މާލޭ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ދެން އެންމެ ބޮޑު ބަދަލެއް ގެންނަން ނިންމާފައިވަނީ މާލޭގެ އުތުރު ފަރާތު ބަނދަރު ސަރަހައްދަށެވެ. އެ ސަރަހައްދުގެ ތޮށިގަނޑު ފެއަށް ޖައްސާ މަގު ފުޅާކޮށް، އެ ސަރަހައްދުގެ ތޮއްޖެހުން ހައްލުކުރުމަށް ވަނީ ނިންމާފަ އެވެ.