ނެޓްފްލިކްސްއިން މިހާރު ދައްކަމުންދާ ކޮރެއަން ސީރީޒް އެއް ކަމަށްވާ ސްކުއިޑް ގޭމްސްގެ ސަބަބުން އުތުރު ކޮރެއާގެ ފާޑު ކިޔުން އެގައުމަށް އަމާޒުވެއްޖެ އެވެ.
އުތުރު ކޮރެއާގެ ޕްރޮޕެގެންޑާ ފަތުރާ ވެބްސައިޓެއްގައި ބުނެފައިވަނީ ސްކްއިޑް ގޭމްސްއިން ވެސް އެނގިގެން ދަނީ ދެކުނު ކޮރެއާގެ އަނިޔާވެރިކަމާއި ރަހުމު ކުޑަކަން ކަމަށެވެ.
ހަމައެއާއެކު ސީރީޒްއިން ފެނިގެން ދަނީ ދެކުނު ކޮރެއާގެ މުޖުތަމައުގެ ހަގީގަތް ކަމަށާއި ފައިސާ ނެތް ފަގީރުންނާ މެދު އެގައުމުގައި ކަން ކުރެވެމުންދަނީ ރާޒުވާ ބައެއްގެ ކުޅިބައި ފަދައިން ކަމަށް ވެސް އެ ސައިޓުގައި ބުނެފައިވެ އެވެ.
ނެޓްފްލިކްސް ޗާޓުގެ އެއްވަނައިގައި މިހާރު އޮތް ސްކްއިޑް ގޭމްސްއިން ފެނިގެންދަނީ ފައިސާއަށް ބޭނުންޖެހިފައިވާ ބަޔަކު ފައިސާގެ އިނާމަށްޓަކައި ނުރައްކާތެރި ގޭމްތަކެއްގައި ބައިވެރިވާ މަންޒަރެވެ. މި ގޭމްތައް ކާމިޔާބު ނުކުރެވޭ ކުޅުންތެރިން ވަގުތުން މަރާލާ މަންޒަރު ވެސް ސީރީޒްއިން ފެނިގެންދެ އެވެ.
ނެޓްފްލިކްސްގެ ޗާޓުގެ އެއްވަނައިގައި އޮތް ނަމަވެސް ސްކްއިޑް ގޭމްސްއަށް މިހާތަނަށް ލިބިފައިވަނީ މިކްސްޑް ރިވިއުސް އެވެ. އަދި މި ސީރީޒްގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގައި ދެކުނު ކޮރެއާގެ އަގު ވެއްޓިދާނެ ކަމަށް ވެސް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އުތުރު ކޮރެއާގެ އިތުރުން ހުޅަނގުގެ ބައެއް ގައުމުތަކުން ވެސް ވަނީ ސްކްއިޑް ގޭމްސްގެ ސަބަބުން ބޮޑުވަމުން އަންނަ ކުޑަކުދިންނަށް ކޮށްފާނެ އަސަރާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. – ދަ ސްޓްރެއިޓް ޓައިމްސް