ނޯތް ކޮރެއާއިން ފެންނަ މަންޒަރުތައް، ރާއްޖެއިން ފެންނާކަށް ނޭދޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު އަވަހާރަކޮށްލުމަށް މެއި މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާ އާއި ގުޅިގެން އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ފަހު އިއްޔެ ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް ދިން ސެކިއުރިޓީން، ނޯތް ކޮރެއާގެ މަންޒަރުތައް ސިފަވާކަމަށް ބުނެ އާންމުންގެ ބަޔަކު ފާޑުކިތުންތައް ސޯޝަލް މީޑިއާގައި އަމާޒުކުރުމުންނެވެ.

އޭގެ އިތުރުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިކަމާ، ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަދައްކަވާފައިވާއިރު، ޝިޔާމް ވަނީ އެފަދަ ސެކިއުރިޓީއެއް ތްރެޓް ލެވެލްގައި އޮތްއިރު ނުދެވުނީ ކީއްވެކަމާ މެދު ސުވާލު އުފައްދާފަ އެވެ.

އަޅުގަނޑު ހިތާމަ ކުރަން. އަޅުގަނޑަކަށް ޖޯކަކަށް ނުވޭ، ސޯޝަލް މީޑިއާގައިވެސް މި ވީޑިއޯ އެބަ އުޅޭ، ރައީސް ވަޑައިގެންނެވި ވިޑިއޯ. އެ ވީޑިއޯއިން އަޅުގަނޑުމެންނަށް ދައްކައިދެނީ މި ޤައުމުގެ ހާލަތު. މި ޤައުމު ގެނެސްފައި އޮތް ހާލަތު
މެމްބަރު ޝިޔާމް

މިގޮތުން ޝިޔާމްގެ ވާހަކަފުޅަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވަނީ އިއްޔެ އެމަނިކުފާނަށް ސެކިއުރިޓީ ދިނުމަށް ހަރަކާތްތެރިވި އިރު ނޯތް ކޮރެއާއިން ފެންނަ މަންޒަރު ސިފަވެ، އެ މަންޒަރުތައް ޝިޔާމްގެ ހިތަށް ތަސައްވަރު ކުރެވުމަކީ އެމަނިކުފާނު ވެސް ހިތާމަ ކުރައްވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އަޅުގަނޑުގެ ސެކިއުރިޓީ އިންތިޒާމްތައް ހަމަޖައްސަނީ އަޅުގަނޑެއްވެސް ނޫން، މިމަޖިލީހަކުންވެސް ނޫން. އެއީ މިނިސްޓްރީ އޮފް ޑިފެންސް އިން އެމީހަކަށް އޮތް ނުރައްކަލުގެ މިންވަރަށް ބަލާ، ހަމަޖައްސާ ހަމަޖެއްސުމެއް އަޅުގަނޑުވެސް އެދެނީ އަޅުގަނޑުމެން އެންމެނަށް މިނިވަންކަމާއެކުގައި އުފާ އުފަލުގައި އުފާ ކުރަމުން އުޅެވޭނެ ދުވަހަކަށް
ރައީސް ނަޝީދު

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާ އާއި އެކުގައި ރައީސް ނަޝީދު ރާއްޖެއަށް ތިން ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ.

އެއާޕޯޓުގައި ވެސް ގިނަ އަދަދެއްގެ ސެކިއުރިޓީން ހަރަކާތްތެރިވެފައިވާއިރު، އެމަނިކުފާނު ހުންނަވާ ހޮޓެލް ޖެންއަށް ވަޑައިގެންނެވިއިރު ކާރުކޮޅުގެ ދެ އަރިމަތިން ސެކިއުރިޓީ ގާޑުން ދުވެފައިދާ މަންޒަރު ވެސް ފެނިގެން ގޮސްފައިވެ އެވެ.