ކުރީގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ކުދިންނަށް ހުރަވީ ސްކޫލުން ޖާގަ ދިނުމަށްޓަކައި އެ ސްކޫލުން ދެ ދަންފަޅިއަށް ބަދަލުކޮށްފި އެވެ.

ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސްކޫލެއްނެތެވެ. އަދި އެ ސަރަހައްދުގައި ތަރައްގީކުރުމަށް ނިންމާފައިވާ 14 ސްކޫލެއްގެ ތެރެއިން ދެ ސްކޫލެއްގެ މަސައްކަތް އަންނަ އަހަރު ނިމިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ސްކޫލުތައް އެޅުމަށް ނިންމާފައި ވަނީ ހިޔާ ފްލެޓްތަކާ ވީހާ ވެސް ކައިރިނެވެ. ކޮންމެ ސްކޫލަކީ 1،200 ދަރިވަރުންގެ ޖާގައިގެ ސްކޫލެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ހުރަވީ ސްކޫލު ދެ ދަންފަޅިއަށް ބަދަލުކުރުމާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެގޮތަށް ނިންމީ ހިޔާ ފްލެޓަށް ބަދަލުވާ ދަރިވަރުންނަށް ހުޅުމާލެއިން ސްކޫލަށް ދިޔުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ނިންމުމާ އެއްގޮތަށް، 54 ކްލާސް ރޫމް ހިމެނޭ ހުރަވީ ސްކޫލުގައި ކިޔަވައިދޭން ފަށާނީ އަންނަ އަހަރު އެވެ.

2019 ވަނަ އަހަރު ޖުމްލަ 780 ދަރިވަރުންނާއެކު ކިޔަވައިދެން ފެށި އެ ސްކޫލުގައި އެއް ދަންފަޅިއަށް މިހާރު 1600 ދަރިވަރުން ކިޔަވަމުންދެ އެވެ. ދެ ދަންފަޅިއަށް ބަދަލު ކުރުމުން އިތުރު 1،000 ދަރިވަރުންނަށް ޖާގަ ލިބިގެންދާނެ އެވެ.