ޓަމިލް އަދި މަލަޔާލަމް ފިލްމީ އިންޑަސްޓްރީގެ ނޭޝަނަލް އެވޯޑް ހާސިލްކޮށްފައިވާ އެކްޓަރު ނެދުމުޑީ ވޭނޫ 73 އަހަރުގައި މަރުވެއްޖެ އެވެ. ވޭނޫ މަރުވެފައި ވަނީ ފުރަމޭގެ ސީރިއަސް މައްސަލަތަކެއްގައި ތިރުވަންތަޕުރަމް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ވޭނޫ އޭނާގެ ކެރިއަރު ފަށާފައިވަނީ ތިއޭޓަ އާޓިސްޓެއްގޮތުގަ އެވެ. 1978 ވަނަ އަހަރު ޖީ އަރަވިންދަންގެ ތަންބޫ ފިލްމުއިން ފިލްމީ ދާއިރާއަށް ނިކުންއިރު އޭނާގެ ކެރިއަރުގައި ޓަމިލް އަދި މަލަޔާލް އިންޑަސްޓުރީގެ 500 ފިލްމުން ވަނީ ފެނިގެން ގޮސްފަ އެވެ.

ވޭނޫ އޭނާގެ ކެރިއަރު ފަށާފައިވަނީ ޖާނަލިސްޓެއްގެ ގޮތުގައި ނަމަވެސް ފަހުން ވަނީ ފިލްމީ ދާއިރާއަށް ވަދެ ސީރިއަސް އަދި ކޮމެޑީ ރޯލްތަކުން މޮޅު އެކްޓިންއެއް ދައްކާފަ އެވެ. އެކްޓަރު ވަނީ ބައެއް ފިލްމުތަކުގައި ސްކްރީން ރައިޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.

ނެދުމުޑީ ވޭނޫ ވަނީ ނޭޝަނަލް އެވޯޑް ތިން ފަހަރެއްގެ މަތިން ހޯދާ ހަ ސްޓޭޓް އެވޯޑްވެސް ހާސިލް ކޮށްފަ އެވެ. އޭނާ އަކީ އެކުގައި މަސައްކުރާ މީހުން އަދި ސަޕޯޓަރުންގެ މެދުގައި ވެސް ކާމިޔާބު ތަރިއެކެވެ.