ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓެއްގައި މީހުން ދިރިއުޅެން ނުފަށަނީސް އެފްލެޓަށް 600،000 ރުފިޔާގެ ފެން ބިލެއް ފޮނުވި ވާހަކަ އެމްޑަބްލިޔުއެސްސީން ދޮގުކޮށްފި އެވެ.

ހިޔާ މަޝްރޫއުން ފްލެޓް ލިބުނު އާއިލާއެއް ފްލެޓްގައި ދިރިއުޅެން ފެށުމުގެ ކުރިން އެ ފްލެޓުގެ ފެން ބިލަށް 600،000 ރުފިޔާގެ ބިލެއް ފޮނުވި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

މިކަމާއި ގުޅޭ ގޮތުން އެމްޑަބްލިޔުއެސްސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތުގެ ނަމަށް ފެން މީޓަރުގެ ރަޖިސްޓްރީ ބަދަލުކޮށް ބިލްކުރަމުން އަންނަ ކަމަށެވެ. އަދި ފެން ބިލް އާދަޔާ ޚިލާފަށް ބޮޑުވެފައިވާކަން ފާހަގަކުރެވޭ ނަމަ، އެ ފްލެޓްއެއްގެ ވެރިފަރާތާ ގުޅައި، އެކަން އެ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެމްޑަބްލިޔުއެސްސީން ބުނީ ފްލެޓްތަކުން ރީޑިން ނަގައި ބިލް ކުރަން ފަށާފައި ވީނަމަވެސް، އާދަޔާ ޚިލާފަށް ފެން ބިލް ބޮޑުވެފައިވާ ފްލެޓްތަކަށް ބިލް ކޮށްފައެއް ނުވާނެ ކަމަށެވެ.

ފެން ބިލްގައި މައްސަލައެއް އުޅޭކަން ފާހަގަކުރެވޭ ނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަމްބަރ 105 މެދުވެރިކޮށް އެކަން އެ ކުންފުނީގެ ކޯލް ސެންޓަރަށް ހުށައެޅުއްވުމަށް އެމްޑަބްލިއުއެސްސީން ވަނީ އެދިފަ އެވެ.

މީގެ ކުރިން ވެސް ހިޔާ ފްލެޓްތަކަށް ފެން ބިލް ބޮޑުވެފައިވާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އޭރު އެމްޑަބްލިޔުއެސްސީން ބުނެފައި ވަނީ އެފަދަ މައްސަލަތަކެއް ފާހަގަ ކުރެވިގެން ބަލަމުން އަންނަ ކަމަށެވެ. އަދި ފެން ލީކެއް އުޅޭތޯ ޗެކް ކުރުމަށް ކަސްޓަމަރުންގެ ކިބައިން އެމްޑަބްލިޔުއެސްސީން ވަނީ އޭރު އެދިފަ އެވެ.

ހިޔާ ފެލްޓްގައި ބައެއް ފަރާތްތަކުން މިހާރު ދިރިއުޅެން ފަށާފައިވާއިރު އެސަރަހައްދުގައި އަސާސީ ހިދުމަތްތައް އެންމެ ފުރިހަމައަށް ލިބެމުން ނުދާތީ ފްލެޓް ލިބުނު ފަރާތްތަކުން ޝަކުވާ ކުރަމުންނެވެ.