ވޮޝިންޓަން (15 އޮކްޓޯބަރު) - އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ސިއްހީ ހާލުކޮޅު ދެރަވެ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އޭންޖަލް އުރޭނާ ބުނެފި އެވެ.

އުމުރުން 75 އަހަރުގެ ބިލް ކްލިންޓަން އިތުރު ސިއްހީ ފަރުވާއަށް އެނދުމަތި ކުރެވުނީ ކޮވިޑް ޖެހިގެން ނޫން ކަމަށާއި އެމަނިކުފާނުގެ ލެއަށް ވަނީ އިންފެކްޝަނެއްގެ އަސަރު ކޮށްފައި ކަމަށް އެމެރިކާގެ ނޫސްތަކުން ބުނެފައިވެ އެވެ.

ދެކުނު ކެލިފޯނިއާގެ އިރްވިން މެޑިކަލް ސެންޓަރުން ވަނީ އެ ހޮސްޕިޓަލުގައި ކްލިންޓަންއަށް ފަރުވާ ދެވެމުން އަންނަ ކަން ޔަގީން ކޮށްދީފަ އެވެ. ކްލިންޓަންއަށް ފަރުވާ ދެމުން އަންނަ ޑޮކްޓަރުންގެ ޓީމާ ހަވާލާދީ ކްލިންޓަންގެ ޕަބްލިކް ރިލޭޝަންސް ޓީމުން ބުނީ ކްލިންޓަން އެނދުމަތި ކުރެވުނީ އެމަނިކުފާނުގެ ހާލަތު ކައިރިން ބެލުމުގެ ގޮތުން ކަމަށާއި އެންޓި ބައޮޓިކް ފަރުވާއާއެކު ލޭގެ އިންފެކްޝަން ދަށްވަމުން ދާ ކަމަށް ބުންޏެވެ.

ބުރާސްފަތި ދުވަހު އުރޭނާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކްލިންޓަންގެ ހާލުކޮޅު ރަނގަޅު ވަމުން އަންނަ ކަމަށާއި އެމަނިކުފާނަށް ފަރުވާދޭ ޑޮކްޓަރުންގެ ޓީމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ކްލިންޓަން ވަނީ 2004 ވަނަ އަހަރު ކުރިމަތިވި ހިތުގެ މައްސަލައަކާ ގުޅިގެން ބައިޕާސް އޮޕަރޭޝަނެއް ކޮށްފަ އެވެ. އިރްވިން މެޑިކަލް ސެންޓަރުގެ ޑޮކްޓަރުން ބުނީ ކްލިންޓަންއަށް ފަރުވާ ދިނުމުގައި އެމަނިކުފާނުގެ ހިތުގެ ޑޮކްޓަރުންގެ ލަފާ މެދުނުކެނޑި ހޯދަމުންދާ ކަމަށެވެ.

ކްލިންޓަންއަކީ 1993 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ހަަމައަށް އެމެރިކާގެ ރައީސްކަން ކުރެއްވި އެގައުމުގެ 42 ވަނަ ރައީސެވެ. -- އަލް އަރަބިއްޔާ